ޚަބަރު

ލީބިޔާގެ މައްސަލައަށް ބޭނުންވަނީ ސިޔާސީ ޙައްލެއް: ތުރުކީވިލާތާއި އިޓަލީވިލާތް


ލީބިޔާގެ މައްސަލައަށް ސިޔާސީ ޙައްލެއް ބޭނުންވާކަމަށް ތުރުކީވިލާތާއި އިޓަލީވިލާތުން އެއްބަސްވެއްޖެއެވެ.

ލީބިޔާގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރުމަށް ތުރުކީވިލާތާއި އިޓަލީވިލާތުގެ ދިފާޢީ ވަޒީރުންވަނީ ޖުލައި މަހުގެ 7ވަނަ ދުވަހު ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމާ ގުޅޭގޮތުން ތުރުކީވިލާތުގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުރުކީވިލާތާއި އިޓަލީވިލާތުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން ވަރުގަދަކޮށްފިނަމަ މެޑިޓެރޭނިއަން ސަރަޙައްދަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ. އަދި ދެ ޤައުމުންވެސް ގިނަ މައްސަލަތަކަކާ ގުޅޭގޮތުން ގެންގުޅެނީ އެއް ވިސްނުމެއްކަމަށް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ. އިޓަލީވިލާތުގެ ދިފާޢީ ވަޒީރު ލޮރެންޒޮ ގުއެރީނީ ވިދާޅުވީ މެޑިޓެރޭނިއަން ސަރަޙައްދުގައި ޞުލްޙަ ޤާއިމްކުރުމަށް ހުރިހާ ފަރާތްތަކުންވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

ނޭޓޯގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އަސްކަރީ ފައުޖު އޮންނަނީ ތުރުކީވިލާތުގައެވެ. ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ތުރުކީވިލާތުން ވާގިވެރިވަނީ އދން ބަލައިގަނެފައިވާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއަށެވެ. އިދިކޮޅު ޚަލީފާ ޙަފުތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއަށް ވާގިވެރިވަނީ ޔޫއޭއީއާއި މިޞްރާއި ރަޝިޔާއިންނެވެ.

ލީބިޔާގެ މައްސަލައިގައި ނޭޓޯގެ ބައެއް ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންވަނީ ގޯސްވެފައެވެ. ޙަފުތާރުގެ ފައުޖުތަކަށް ފަރަންސޭސިވިލާތުން ވާގިވެރިވާކަމުގެ ތުހުމަތު ތުރުކީވިލާތުންވަނީ ކޮށްފައެވެ. އެ ތުހުމަތުތައް ފަރަންސޭސިވިލާތުން ދޮގުކުރެއެވެ. ފަރަސްސޭސިވިލާތުން ބުނީ އދގެ ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމާ ޚިލާފަށް ލީބިޔާއަށް ހަތިޔާރު ފޯރުކޮށްދޭ އުޅަނދެއްކަމަށް ޝައްކުކުރެވިގެން މުދާއުފުލާ ބޯޓެއް ފާސްކުރަން އުޅުމުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ ފަރަންސޭސިވިލާތުގެ މަނަވަރަކަށް މިދިޔަ ޖޫން މަހުގެ 10ވަނަ ދުވަހު ތުރުކީވިލާތުގެ މަނަވަރުތަކުން ދުއްތުރާކޮށްފައިވާކަމަށެވެ.

ވިލާތުގެ ޤައުމުތަކުން ލީބިޔާގެ މައްސަލައާމެދު ކަންބޮޑުވާ މައިގަނޑު ސަބަބަކީ ހަކަތަ ފޯރުކޮށްދިނުމުގައި އެ ޤައުމުން ޢަދާކުރާ ދަޢުރާއި ލީބިޔާއިން ގިނަ ޢަދަދެއްގެ ހިޖުރަވެރިން ވިލާތުގެ ޤައުމުތަކަށް އައުމެވެ. ވިލާތުގެ އިއްތިޙާދުންވެސްވަނީ ޖީއެންއޭ ބަލައިގަނެފައެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދުގެ ބައެއް މެންބަރު ޤައުމުތަކުގެ މެދުގައި އެ މައްސަލައާމެދުވަނީ ޚިޔާލު ތަފާތުވެފައެވެ.