ސިޔާސީ

ބިމާ ބެހޭ ޤާނޫނަށް ހުށައެޅި އިސްލާހު ކޮމިޓީން ފާސްކޮށްފި


ހަސަތޭކަ
އަކަފޫޓު ހަމަނުވާ ގޯތިތައްވެސް ރަޖިސްޓްރީ ކުރެވޭނެގޮތަށް ބިމާބެހޭ ގާނޫނަށް ހުށައެޅި
އިސްލާހު ޤައުމީ ތަރައްގީ ކޮމިޓީން ފާސްކޮށްފިއެވެ. މި އިސްލާހު ފާސްވީ ކޮމިޓީގެ
ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.



ބިމާ ބެހޭ ގާނޫނުގައި މިހާރު ބުނެފައިވަނީ،
ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެ ނަމަ އެ ގޯއްޗެއްގައިވާ
އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ މެދުގައި ބެހޭނީ ހަސަތޭކަ
އަކަފޫޓަށް ވުރެ ކުޑަ ނުވާ މިންވަރަކަށްކަމުގައެވެ. އަދި ގޯއްޗެއްގައިވާ
އިމާރާތާއި ނުއުފުލޭ މުދާ ތަރިކައިގެ އުސޫލުން ލިބޭ މީހުންގެ މެދުގައި ގޯއްޗެއް
ބައި ކުރެވޭއިރު އޭގެ ތެރެއިން ބަންޑާރަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް
ލިބިފައިވާ މީހަކަށް ޖެހޭ ބައި ހަސަތޭކަ އަކަފޫޓަށްވުރެ ކުޑަވެއްޖެ ނަމަ ބައި
ކުރެވޭ ގޯތީގެ ބިމަކުން އެމީހަކަށް ނުލިބޭނެކަމަށެވެ. 

ނަމަވެސް ރިޔާޒް ހުށައަޅާ،
ގައުމީ ތަރައްގީ ކޮމޮޓީން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ، ބަންޑާރ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ
އެގޯއްޗެއްގައިވާ އިމާރާތާއި ނުއުފުލޭ މުދާ، ތަރިކައިގެ އުސޫލުން ލިބޭ ބައެއްގެ
މެދުގައި އެގޯއްޗެއް ވަކި  ގޯތިތަކަކަށް
ބައިކޮށް ވަކިކޮށްދެވިދާނެކަމަށެވެ. އަދި ތަރިކައިގެ އުސޫލުން އެތަނެއް ލިބޭ
އެންމެންގެ ނަމުގައި އެބަޔަކު އެދޭނަމަ އެގޯއްޗެއް ރަޖިސްޓްރިކޮށް ރަޖިސްޓްރީ
ހަދައިދޭންވާނެކަމަށެވެ. 

މިއިސްލާހު ހުށައެޅުމުގެ މަޤްޞަދެއްކަމުގައި
ބުނެފައިވަނީ، ތިންމީހުންނަށް ނުވަތަ ހަތަރު މީހުންނަށް ލިބޭ ބިންކޮޅު ނުވަތަ ގޯތި
ހަސަތޭކަ އަކަފޫޓަށް ވުރެ ކުޑަނަމަ އެމީހުންނަށް ރަޖިސްޓްރި ނުލިބޭތީ ލޯނު ނަގަން
ބޭނުންވެއްޖެ ހިނދެއްގައި ލޯނު ނެގުމަށާއ،ި
ރަހުނު ކުރުން ފަދަ މުއާމަލާތްކުރުމަށް ދަތިވާތީކަމަށެވެ.