ޚަބަރު

ޢަލާމާތް ނުފެންނަ މީހުންގެ ފަރާތުން ގިނަ ބަޔަކަށް ކޯވިޑް-19 ޖެހޭ


ދުނިޔޭގައި ކޯވިޑް-19 ފެތުރޭ މައިގަނޑު އެއް ގޮތަކީ ޢަލާމާތް ނުފެންނަ ބަލިމީހުންގެ ސަބަބުންކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކާގެ ޔޭލު ޔުނިވަރސިޓީގެ ސައިންސުވެރިން ކުރި ދިރާސާއެއްވަނީ ޕުރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައިންސަސްގައި ޝާއިޢުކޮށްފައެވެ. އެ ދިރާސާއިން ދައްކާގޮތުގައި ބަލި ޖެހިފައިވާ މީހާގެ ހަޑިގަނޑުން އެއްވެސް ޢަލާމާތެއް ފެނުމުގެ ކުރިން އެ މީހުންގެ ފަރާތުން ގިނަ ޢަދަދެއްގެ ބަޔަކަށް ބަލި ޖެހުން އެކަށީގެންވާކަމަށެވެ. ބަލިޖެހިފައިވާ މީހުންގެ ޒަރިއްޔާއިން އިތުރު މީހުންނަށް ބަލި ފެތުރޭ ގޮތް ދިރާސާކުރުމަށް ސައިންސުވެރިން ރިޢާޔަތްކުރީ ބަލި ޖެހިފައިވާ މީހުންގެ 17.9 އިންސައްތައާއި 30.8 އިންސައްތަ މީހުންގެ ފަރާތުން ބަލީގެ ޢަލާމަތްތައް ނުފެންނަކަމަށް ބުނާ އެހެން ދިރާސާއަކަށެވެ.

ބަލި ޖެހިފައިވާ މީހުންގެ 17.9 އިންސައްތަ މީހުންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށް ބަލައިގެން ކުރި ދިރާސާއިން ދެއްކީ ހަށިގަނޑުން ކޯވިޑް-19ގެ ޢަލާމާތްތައް ފެންނަން ފެށުމުގެ ކުރިން ބަލި ޖެހިފައިވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހޭކަމަށެވެ. އެގޮތުން ބަލި ޖެހޭ މީހުންގެ 48 އިންސައްތަ މީހުންނަށް ބަލި ޖެހެނީ އެފަދަ މީހުންގެ ފަރާތުންނެވެ. ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަ މީހުންގެ ސަބަބުން 3.4 އިންސައްތަ މީހުންނަށް ބަލި ޖެހޭކަމަށް އެ ދިރާސާއިން ދެއްކިއެވެ.
ބަލި ޖެހޭ މީހުންގެ 30.8 އިންސައްތަ މީހުންގެ ކިބައިން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަކަމަށް ބަލާނަމަ ހަށިގަނޑުން ކޯވިޑް-19ގެ ޢަލާމާތްތައް ފެންނަން ފެށުމުގެ ކުރިން އެ މީހުންގެ ފަރާތުން 47 އިންސައްތަ މީހުންނަށް ބަލި ޖެހޭކަންވަނީ ދެނެގަނެވިފައެވެ. އަދި 6.6 އިންސައްތަ މީހުންނަށް ބަލި ޖެހެނީ އެއްވެސް ޢަލާމާތެއް ނުފެންނަ މީހުންގެ ކިބައިންކަމަށް ބެލެވޭނެކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ބަލީގެ ޢަލާމާތް ފެނުމުގެ ކުރިން ނޭވާލާ ނިޒާމުން ފެތުރޭ ބަލިތައް ޢާންމުކޮށް ގައިން ގަޔަކަށް ނާރައެވެ. ނަމަވެސް ޔޭލްގެ ދިރާސާއިން ބުރަވަނީ އެންމެ ބޮޑަށް ބަލި ފެތުރެނީ ޢަލާމާތް ނުފެންނަ ދުވަސްވަރުކަމަށެވެ. ބަލީގެ ޢަލާމާތް ފެންނަ ހުރިހާ މީހުން ވަގުތުން އެކަހެރެކުރިނަމަވެސް ބަލި ފެތުރޭ މިންވަރު ދަށްކުރުމުގައި ކުރިއެރުމެއް ނުލިބޭނެކަމަށް އެ ދިރާސާގައިވަނީ ބުނެފައެވެ. ބަލި ޖެހޭ މީހުންގެ ޢަދަދު އާބާދީގެ 1 އިންސައްތައަށްވުރެ ދަށުގައި ބެހެއްޓުމަށް އެންމެ މުހިންމީ އަލާމާތްތައް ފެންނަ މީހުންގެ އިތުރުން ބަލީގެ އަލާމާތްތައް ނުފެންނަ އެކަމަކު ބަލި ޖެހިފައިވާ މީހުންގެ ތިން ބައިކުޅަ އެއްބައި މީހުން ދެނެގަނެ އެކަހެރިކުރުންކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ރައްކާތެރިކަމާއެކު އުވާލެވޭނީ ތަހުލީލުކުރުމާއި ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްގެންކަމަށް ސައިންސުވެރިންވަނީ ފާހަގަކޮށްފައެވެ. އަދި ބަލި ޖެހިފައިވާކަން ނޭނގޭ މީހުންގެ ކިބައިން އެހެން މީހުން ރައްކާތެރިކުރުމަށް އެންމެ މުހިންމީ އެންމެ އެދެވޭގޮތަކަށް މާސްކު ބޭނުންކޮށް، ސާފު ޠާހިރުކަން އިސްކުރުންކަމަށް ސައިންސުވެރިންވަނީ ބުނެފައެވެ.