ޚަބަރު

ފިނޭންސް އިމާރާތުގެ އެއްބަސްވުން ބާތިލްނުކޮށް ކުރިއަށް ގެންދަން މަޝްވަރާކުރަނީ


ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ ކޮންޓްރެކްޓް ބާތިލްކޮށްފިނަމަ ދަޢުލަތަށް ބޮޑު ގެއްލުމެއްވާނެތީ އިމާރާތުގެ ސްކޯޕަށް ބަދަލުގެނެސް މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމުގައި އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑިސީން ބޭއްވި ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ އެ މަސައްކަތް ކުރުމަށް މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗުމަހުގެ ފުރަތަމަ ދުވަހުގައި ކަމަށެވެ. މިމަސައްކަތް ފިނޭންސް މިނިސްޓްރީ އާއި ޑަބްލިއުޒެޑްއާރު އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މަޝްރޫއުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 122.7 މިލިއަން ޑޮލަރެވެ.

މާލޭގައި ކުރިއަށް ގެންދަން ނިންމި މި މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރުމަށް ކުރީގެ ސަރުކާރުން ނިންމުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އޮތް ހުރިހާ އިލްތިޒާމުތައް 2017 މާޗު މަހުގެ ހަތްވަނަ ދުވަހު އެޗްޑީސީން ކުރިއަށް ގެންދާގޮތަށް ވަނީ ބަދަލުކޮށްފައެވެ.

"މި މަޝްރޫޢު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާނެފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓަރމްސް އާއެކު މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެވެމުން ދާކަމުގައިވެސް ދަންނަވަމެވެ. އަދި އެޖުޑިކޭޓަރގެ މި ނިންމެވުމާއި ގުޅިގެން، މި ކޯޕަރޭޝަނުން މި މައްސަލަ ޙައްލުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކުރެވެމުން ދާކަމުގައި މި ފުރުޞަތުގައި ދަންނަވަމެވެ." އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ވިދާޅުވީ މިމަސައްކަތުގެ ނޮވޭޝަން އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، މި މަޝަރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާކަމަށެވެ. އަދި މީގެއިތުރުން، މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާއި ގުޅިގެން މަޝްރޫޢުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެގެން ގޮސްފައިވާކަމަށެވެ.

މި މަޝްރޫޢަކީ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލިގޮތަކަށް ކުރަންޖެހުނު ކަމަކަށްވެފައި، 155 މިލިއަން ޑޮލަރަށް މަޝްރޫޢުގެ އަގު ބޮޑުވެގެން ދިއުމަކީ އެޗްޑީސީގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ބޮޑު ލޯނެއްކަމަށް ވެފައި، ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމެއްކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

މި ކޯޕަރޭޝަނަށް އެއްބަސްވުން ނޮވޭޓްކުރުމަށްފަހު، ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށްވަނީ، 30 މިލިއަން ޑޮލަރުގެ ބިލެއް ހުށަހަޅާފައިވާކަމަށެވެ. އެހެންނަމަވެސް، ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބިލުގައިވާ އަގަކީ، ކޮށްފައިވާ މަސައްކަތާއި ނުބައްދަލު އަގަކަށްވާތީ، ކޮންޓްރެކްޓަރާއި މި ކޯޕަރޭޝަނާއި ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހެދުމަށްފަހު އަގު ކުޑަކުރެވިފައި ވާކަމުގައި އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

"އިސްވެދެންނެވުނު ބިލަށް ފައިސާ ހޯދުމަށްޓަކައި ކޮންޓްރެކްޓަރުގެ ފަރާތުން އެޖޫޑިކޭޝަނަށް (އެޖުޑިކޭޝަން މަރުޙަލާއަކީ ދެބަސްވުން އުފެދިއްޖެ ޙާލަތެއްގައި، ދެބަސްވުން ޙައްލުކުރުމަށް އަރބިޓްރޭޝަންގެ ކުރިން އޮންނަ ފުރަތަމަ މަރުޙަލާއެވެ.) 25 (ފަންސަވީސް) މިލިއަން ޑޮލަރުގެ އަގެއް ހުށަހަޅާފައި ވީނަމަވެސް، މައްސަލަ އެޖޫޑިކޭޓަރގެ ފަރާތުން ދިރާސާ ކުރުމަށްފަހު، ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެގޮތުގައި 22.8 (ބާވިސް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ނިންމަވާފައެވެ." އެޗްޑީސީގެ ބަޔާނުގައިވެއެވެ.

އެޗްޑީސީން ވިދާޅުވީ މިމަޝްރޫޢުގެ ކުރިއަށް ނުގެންދަން ނިންމައި ކޮންޓްރެކްޓް ބާތިލްކޮށްފިނަމަ ދަޢުލަތަށް ބޮޑު ގެއްލުންވާނެތީ އެކަން ހައްލުކުރުމުގެ މަސައްކަތް މި މުއްދަތުގެ ތެރޭގައިވެސް ކުރަމުންދާކަމަށެވެ. މިމަޝްރޫއަކީ ފިނޭސް މިނިސްޓްރީގެ އިމާރާތުގެ ޖާގަ ކުޑަވުމުގެ ސަބަބުން ޖާގަތަނަވަސް އިމާރާތެއް އެޅުމަށްޓަކައި 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ.