ތިލަފުށީގައި ރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެތަނުގައި އަދިވެސް އެމްއެންޑީއެފްގެ ފަޔަމަނުން ދަނީ ހަރަކާތްތެރިވަމުން ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މިހާރު އަލފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވި ނިވާލެވިފައި ވީނަމަވެސް، އެތަނުގައި ހުރި ބައެއްތަކެތި ދުންއަރަމުންދާތީ އާއި ހޫނު ނުކެނޑޭތީ ފަޔަމަނުން ގެންދަނީ ފެންޖަހަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ ރޭގ އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވެފައި ވަނީ، ސެކިއުއަރބޭގުގެ ގުނދަނާއިއެކުގައި ހުރި އެކުންފުނީގެ ޖަނަރޭޓަރުގޭގައި ކަމަށެވެ. އަދި އެއާއި އެކު މުޅި ގުދަނަށް އަލިފާންގަނޑު ފެތުރިގެން ދިޔައީކަމުގައި އެމްއެންޑީއެފުން ވިދާޅުވެއެވެ.
ތިލަފުށީގެ ގުދަނެއްގައި ރޯވެ އަނދަންފެށި އަލިފާންގަނޑު ކޮންޓްރޯލް ކުރެވޭ ވަރުވީވެސް 4 ގަޑިއިރު ފަހުންނެވެ،
އެ ގުދަނުގައި ރޯވެގެން ރިޕޯޓްކޮށްފައިވަނީ، ރޭ 20:24ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
އަލިފާން ނިއްވުމަށްޓަކައި ފޯމާއި ފެން ބޭނުންކޮށްފައި ވާއިރު، މާލެއިން ޓީމެއްވެސް ވަނީ ތިލަފުއްޓަށް ގޮސްފައެވެ. އަލިފާން ރޯވި ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާޒާތުގެ ދަވާދުފަދަ ތަކެތިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.
މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ މަޢުލުމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ގުދަން ފިޔަވައި އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ހާދިސާ ހިނގަން މެދުވެރިވި ސބަބު ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާކަމުގައި އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.