މުނިފޫހިފިލުވުން

ނޮއިޑާ ފިލްމް ސިޓީއިން ދިވެހިންނަށް ތަމްރީނުގެ ފުރުސަތުހޯދަނީ


މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ފަރާތުން އިންޑިޔާގެ ނޮއިޑާ ފިލްމް ސިޓީގެ ބޭފުޅުންނާއި ބައްދަލުކުރުމަށް މިއަދު ފުރައިފިއެވެ. ފިލްމް އެސޯސިއޭޝަންގެ މި ދަތުރާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިލްމް އެސޯސިއޭޝަންގެ ނައިބު ރައީސް ނިއުމާ މުހައްމަދު ވިދާޅުވީ، 5 ދުވަހުގެ މުއްދަތަކަށް ކުރާ މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފިލްމީ ދާއިރާ އަދި ބޮރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކުރާ ދަތުރެއްކަމަށެވެ. އެގޮތުން މި ދަތުރުގައި ނޮއިޑާ ފިލްމް ސިޓީގެ އޭޝިއަން އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޜަންގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ނޮއިޑާ ފިލްމް ސިޓީއިން ހިންގާ ތަފާތު ތަމްރީން ޕްރޮގްރާމްތަކުގައި ރާއްޖޭގެ ފިލްމީ ދާއިރާއާއި ބްރޯޑްކާސްޓިންގެ ދާއިރާގައި މަސައްކަތްކުރާ ފަންނާނުންނަށާއި، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ނިއުމާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފިލްމް އިންޑަސްޓްރީ އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުންވެސް  ހިޔާލުބަދަލުކޮށް، މަޝްވަރާ ކުރެވިގެންދާނެކަމަށް ނިއުމާ ވިދާޅުވިއެވެ. ފިލްމް އެސޯސިއޭޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ އެސޯސިއޭޝަންގެ ބޯޑު މެމްބަރެއްކަމަށްވާ ޖާދުﷲ އިސްމާއިލް ވިދާޅުވީ، ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށާއި، އެފަދަ ޕްރޮގްރާމްތަކަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށެވެ. އެގޮތުން ކޮރިއޮގްރަފީ އާއި މޭކަޕް ކުރުމާއި ގުޅޭ ކޯހެއް ދާދިފަހުން އެ އެސޯސިއޭޝަންގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާކަން ޖާދުﷲ ފާހަގަކުރެއްވިއެވެ.މިއީ ފިލްމް އެސޯސިއޭޝަންގެ ފަރާތުން މިފަދަ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ރަސްމީ ދަތުރުކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ. ނޮއިޑާ ފިލްމް ސިޓީއަކީ އިންޑިޔާގެ ފިލްމީ ދާއިރާއާއި ބްރޯޑްކާސްޓިންގެ ދާއިރާގައި ހަރާކަތްތެރިވާ މަޝްޙޫރު ގިނަ ކުންފުނިތަކެއް ހިމެނޭ ސިޓީއެކެވެ. މީގެ ތެރޭގައި ސީ.އެން.އެންގެ އިންޑިއަން ބްރޯޑްކާސްޓިންގ ނެޓްވޯކާއި، އެން.ޑީ ޓީވީ އަދި ޒީ މީޑިޔާ ޗެނަލްސްތައް ފަދަ މަޝްހޫރު ޓީވީ ސްޓޭޝަންތަކާއި، ބޮލީވުޑްގައި ހަރަކާތްތެރިވާ ފިލްމް އުފައްދާ ބޮޑެތި ކުންފުނިތައްވެސް ހިމެނޭ އެއް ސަރަހައްދަކީ ނޮއިޑާ ސިޓީއެވެ.