ޚަބަރު

ތިލަފުށީގައި ރޯވި އަލިފާންގަނޑު، 4 ގަޑިއިރު ފަހުން ކޮންޓްރޯލްވެއްޖެ


ތިލަފުށީގެ ގުދަނެއްގައި ރޯވެ އަނދަންފެށި އަލިފާންގަނޑުގެ 4 ގަޑިއިރުފަހުން ކޮންޓްރޯލްވެއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.


އަލިފާން ރޯވެފައިވަނީ ތިލަފުށީގައި "ސެކިއުއަރ ބޭގް" ނަމަކަށް ކިޔާ ގުދަނުގައެވެ. މި ގުދަނުގައި ރޯވެގެން ރިޕޯޓްކޮށްފައިވަނީ، މިރޭ 20:24ގައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. އަދި އަލިފާންގަނޑު މުޅިން ކޮންޓްރޯލްކުރުމަށް ތިލަފުށީ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން އެކަން ކާމިޔާބު ވެފައިވަނީ 4 ގަޑިއެއްހާއިރު ފަހުންނެވެ.

އަލިފާން ނިއްވުމަށްޓަކައި ފޯމާއި ފެން ބޭނުންކޮށްފައިވެއެވެ. އަލިފާން ރޯވެފައިވާ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ހިފާޒާތުގެ ދަވާދުފަދަ ތަކެތިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވީކަމުގެ މަޢުލުމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވި ގުދަން ފިޔަވައި އިތުރު ތަނަކަށް އަލިފާނުގެ ސަބަބުން ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއްވެސް ލިބިފައެއް ނުވެއެވެ.