މުނިފޫހިފިލުވުން

އިންޑޯ-ޗައިނާ ބޯޑަރާއި ގުޅޭގޮތުން ހަދާ ފިލްމަކުން އާލިއާ ބަޓް


އިންޑޯ-ޗައިނާ ބޯޑަރާގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމާގުޅޭގޮތުން ތައްޔާރުކުރާ ފިލްމުގެ ލީޑް ބަތަލާގެ ރޯލަށް އާލިއާ ބަޓް ހަމަޖައްސައިފިއެވެ.

މިއީ އިންޑިއާގެ މަޝްޙޫރު ސައުންޑް ޑިޒައިނަރ ރިސުލް ޕޫކުޓީ ޕްރޮޑިއުސްކުރާ ފުރަތަމަ ބޮލީވުޑް ފިލްމެވެ. 2008 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމް "ސްލަމް ޑޯގް މިލިނިޔަރ"އިން ސައުންޑް މިކްސިންގ އިން އޮސްކާ އެވޯޑް އަދި އިންޑިޔާ ސަރުކާރުންދޭ އެންމެ ޝަރަފުވެރި އެއް އެވޯޑް "ޕަތުމާ ޝްރީ" އެވޯޑް 2010 ވަނަ އަހަރު ހާޞިލުކޮށްފައިވާ ރިސުލް ވަނީ ހޮލީވުޑް އަދި ބޮލީވުޑްގެ ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައެވެ.

ރިސުލް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމް ޙާއްސަކޮށްފައި ވަނީ އިންޑިއާއާއި ޗައިނާގެ ބޯޑަރު ގުޅުވައިދޭ ސަރަޙައްދެއްކަމަށްވާ ނަތޫލާގައި 1967 ވަނަ އަހަރު ހިނގާދިޔަ އިންޑޯ-ޗައިނާ ހަނގުރާމައަށްފަހު ދެ ޤައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ މައްޗަށެވެ. އަދި އެދުވަސްވަރު އެ ސަރަޙައްދުގެ ބޯޑަރު ބެލެހެއްޓުމުގައި ހަރަކާތްތެރިވި އިންޑިއާ ސިފައިންގެ އޮފިސަރެއްކަމަށްވާ ބާބާ ހަރްބަޖާން ސިންގްގެ ވާހަކަތަކެއްވެސް މި ފިލްމުގައި ގެނެސްދޭނެއެވެ. އިންޑިއާ ސިފައިންގެ މެދުގައި ބާބާ ހަރްބަޖާން ސިންގް މަޝްހޫރުވެފައިވަނީ "ހީރޯ އޮފް ނަތޫލާ" ގެ ނަމުންނެވެ. މީގެ އިތުރުން ފަހުގެ ތަރީޚުގައި އެ ސަރަޙައްދުގައި ހިނގާފައިވާ ބައެއް މުހިއްމުކަންކަމުގެ މައްޗަށްވެސް މި ފިލްމުގައި އަލިއަޅުވާލާނެއެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ރިސުލް ބުނެފައި ވަނީ ފިލްމަށް ބޭނުންވާ ވާހަކަ ލިޔުމުގެ މަސައްކަތް ނިމުމަކާއި ގާތްވެއްޖެކަމަށެވެ. އަދި ވާހަކަ ލިޔެ ނިންމުމަށްފަހު އިންޑިއާ އަސްކަރިއްޔާގެ ތަޖުރިބާކާރުންނާއި ހިއްސާކުރާނެކަމަށާއި، ފިލްމުގެ ޕްލޮޓް އެކުލަވާލުމާއި ގުޅޭގޮތުން އެމީހުންގެ ޚިޔާލާ މަޝްވަރާ ހޯދާނެކަމަށް ރިސުލް ބުނެފައި ވެއެވެ. ފިލްމް ޝޫޓްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ތެރޭގައެވެ. އާލިއާގެ އިތުރުން ދެން މި ފިލްމުން ފެނިގެންދާނެ ކާސްޓުންނެއް އަދި އިޢުލާންކޮށްފައެއްނުވެއެވެ.

2019 ވަނަ އަހަރު ރިލީޒްކުރި "ގަލީ ބޯއީ"އިން ފިލްމް ފެއަރގެ އެންމެ މޮޅު އަންހެން ބަތަލާގެ އެވޯޑް އުފުލާލި އާލިއާ އެންމެފަހުން ފެނިފައި ވަނީ މިއަހަރު ރިލީޒްކުރި ފިލްމް "އަންގްރޭޒީ މީޑިއަމް"ގެ ޕްރޮމޯޝަނަލް ލަވައަކުންނެވެ.

އާލިއާގެ ފިލްމްތަކުގެ ތެރެއިން އެންމެ އަވަހަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ "ސަދަކް-2"އެކެވެ. މިއީ 1991 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ލޯބީގެ ފިލްމް "ސަދަކް"ގެ ސީކުއަލްއެކެވެ. މި ފިލްމުގެ ދެވަނަ ބައި ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވަނީ މަހޭޝް ބަޓްއެވެ. މީގެ އިތުރުންވެސް އާލިއާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ކާމިޔާބު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިއަވާޑީ" އާއި މިއަހަރު ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "ބްރަމަސްތުރާ" ހިމެނެއެވެ.