ޚަބަރު

ހއ. ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ނިންމުމަށް ބަޔަކާއި ޙަވާލުކޮށްފި


ހއ. ކެލާގައި ޤާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބީލަން އުސޫލުން ހޮވުނު "މަންގަނޑު" ކުންފުންޏާކަމަށެވެ. މި މަސައްކަތަކީ ހއ. ކެލާއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފައާއެކު ކުރިއަށްގެންދާ މަސައްކަތެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތަށް ޕީއެސްއައިޕީއިން -/496،000 (ހަތަރު ލައްކަ ނުވަދިހަ ހަހާސް) ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ކެލާގެ ކުނިމެނޭޖުކުރުމުގެ މަސައްކަތުގެ ތެރެއިން ނުނިމިހުރި މަސައްކަތް ނިންމުމަށް އެކުންފުންޏާއި ޙަވާލުކޮށްފައި ވަނީ 2 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. ކުނި ރައްކާތެރިގޮތުގައި މެނޭޖުކުރުމަށް ބެނުންވާ މަރުކަޒުތައް ތަރައްޤީކުރުމާއި އެތަންނަށް ބޭނުންވާ ވަޞީލަތް ޤާއިމުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ.