ކުވައިތުގެ ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު 40 އިންސައްތައަށް މަދުކުރުމަށް ތައްޔާރުކުރަމުންދާ ޤާނޫނުގެ އަސަރު އިންޑިޔާގެ 800،000 މީހުންނަށް ކުރާނެކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
4.8 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ކުވައިތުގައި އެ ޤައުމުގެ ވަޒަވެރިން ޙިއްޞާކުރަނީ އާބާދީގެ 30 އިންސައްތައެވެ. އެ ޤައުމުގައި ދިރިއުޅޭ 3.4 މިލިޔަން މީހުންނަކީ ބިދޭސީންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ޙިއްޞާކުރަނީ އިންޑިޔާގެ ރައްޔިތުންނެވެ.
ކުވައިތުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު މަދުކުރުމުގެ މަސައްކަތް ފަށާފައިވަނީ އެ ޤައުމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އާބާދީގެ ނިސްބަތުން 30 އިންސައްތައަށް ދަށްކުރަންޖެހޭކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޝެއިޚް ޞަބާޙޫ އަލްޚާލިދު އަލްޞަބާޙު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ކުވައިތަށް އިތުރު އިޤްތިޞާދީ ޙަރަކާތްތައް ތަޢާރަފުކޮށް ތެލާއި ގޭހުގެ ވިޔަފާރިއަށް ބަރޯސާވާ މިންވަރު ކުޑަކުރަންޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާގޮތުން ކުވައިތުގައި ދިރިއުޅޭ މީހުންގެ 15 އިންސައްތައަށްވުރެ ބޮޑު ޢަދަދެއް އިންޑިޔާގެ ރައްޔިތުންނަށް ޙިއްޞާއެއް ނުކުރެވޭނެއެވެ. އެ ހުށަހެޅުން ހުށަހަޅާފައިވަނީ ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވަނިކޮށެވެ. ކޯވިޑް-19 ފެތުރެން ފެށުމުން ކުވައިތުގައި ތިބި ބިދޭސީންގެ ޢަދަދު މަދުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ޤާނޫނުހަދާ މަޖިލީހުގެ ރައީސް މަރުޒޫޤު އަލްޤާނިމު ވިދާޅުވީ އެ ބިލުގެ ސަބަބުން ޤައުމުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހުނަރުވެރިންކަން ޔަޤީންވެގެންދާނެކަމަށެވެ. އަލްޤާނިމު ވިދާޅުވީ ބިދޭސީންގެ ޢަދަދާ ގުޅޭގޮތުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން ކުވައިތުގެ ކުންފުނިތަކުން ކޮންމެ އަހަރަކު ގެންނަ ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު ވަކި މިންވަރެއްގައި ހިފެހެއްޓޭނެކަމަށެވެ. އަދި މަސައްކަތްތެރިންގެ ހުނަރާއި ތަޖުރިބާގެ މައްޗަށް ބަލައި ޤަވާއިދުތައް އެކުލަވާލުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ބިލުގައި ހުށަހަޅާފައިވާ ކޯޓާ ނިޒާމުގެ އަސަރު ސަރުކާރުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށްވެސް ކުރާނެއެވެ. ކުވައިތުގައި ހުންނަ އިންޑިޔާގެ އެމްބަސީން ބުނީ އެ ޤައުމަށް ނިސްބަތްވާ 28،000އަށްވުރެ ގިނަ މީހުން ކުވައިތުގެ ސަރުކާރުގެ އެކި ވަޒީފާތަކުގައި ތިބިކަމަށެވެ. އޭގެ ތެރޭގައި ނަރުހުންނާއި އިންޖިނިއަރުންނާއި ސައިންސުވެރިންވެސް ހިމެނެއެވެ. ނަމަވެސް އެ ޤައުމުގައި ދިރިއުޅޭ އިންޑިޔާގެ ރައްޔިތުންގެ ބޮޑު ބައެއް މަސައްކަތްކުރަނީ އަމިއްލަ ކުންފުނިތަކުގައެވެ.
އެ ބިލުގެ އަސަރު މިޞްރާއި ޕާކިސްތާނާއި ފިލިޕީންސްގެ މަސައްކަތްތެރިންނަށްވެސް ކުރާނެއެވެ. ޤަނޫނެއްގެ ގޮތުގައި ތަސްދީޤުކޮށް އެ ބިލަށް ޢަމަލުކުރަން ފަށާނީ ކޮން ތާޜީޚަކުކަމެއް ނޭނގެއެވެ. ނަމަވެސް ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގެ ކުރިން އެ ބިލުގެ މަސައްކަތް ފުރިހަމަކުރާނެކަމަށް ޤަބޫކުރެވެއެވެ.