ޚަބަރު

ނިރުބަވެރި ޖަމާޢާތްތައް ދިރާސާކުރާ ޢިރާޤުގެ ތަޖުރިބާކާރެއް މަރާލައިފި


ނިރުބަވެރި އަދި ހަނގުރާމަވެރި ޖަމާޢަތްތައް ދިރާސާކުރާ ޢިރާޤުގެ ތަޖުރިބާކާރެއްކަމަށްވާ ހިޝާމް އަލްޙާޝިމީގެ ގަޔަށް ބަޑިޖަހައި އޭނާ އަވަހާރަކޮށްލައިފިއެވެ.

އުމުރުން 47 އަހަރުގެ އަލްޙާޝިމީއަކީ ސަލާމަތީ ކަންކަން ދިރާސާކުރުމުގައި ފުންނާބު އުސް ބޭފުޅެކެވެ. ސަލާމަތީ ކަންކަމާ ގުޅޭގޮތުން ސަރުކާރުންނާއި ނޫސްވެރިންނާއި ދިރާސާކުރާ ފަރާތްތަކުން އޭނާގެ ޚިޔާލު ހޯދައެވެ. އޭނާ އަވަހާރަކޮށްލުމުގެ ހަފުތާތަކެއް ކުރިން އީރާނުގެ އެހީތެރިކަމާއެކު ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ޙަމަލާއެއް އޭނާއަށް އަމާޒުވެދާނެކަމުގެ ބިރުވެރިކަން އޭނާވަނީ އޭނާގެ ގާތް މީހުންނާ ޙިއްޞާކުރައްވައިފައެވެ، އަލްހާޝިމީއަކީ ހަނގުރާމަވެރިންގެ ޙަރަކާތްތަކާ ދެކޮޅަށް އަބަދުވެސް ފައުޅުގައި ފާޑުކިއުއްވާ ބޭފުޅެކެވެ.

އިރާޤުގެ ދާޚިލީ ވުޒާރާގެ އިސް ތަރުޖަމާނެއްކަމަށްވާ ސަޢުދު މާނު ވިދާޅުވީ އަލްހާޝިމީއަށް ޙަމަލާދީފައިވަނީ ޢިރާޤުގެ ވެރިރަށް ބަޣުދާދުގައި އޭނާ ދިރިއުޅުއްވާ ގެ ކައިރިންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ގެއިން ނުކުމެވަޑައިގެން ކާރަށް އަރުއްވަނިކޮށް ދެ ސައިކަލުގައި އައި ތިން މީހުންވަނީ އޭނާގެ ގަޔަށް ބަޑިޖަހައިފައެވެ. އެ ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.