ކުޅިވަރު

ގާނޫނު ބުނާގޮތުން އެސޯސިއެޝަންތަކުގެ މައްސަލަތަކަކީ މިނިސްޓަރާއި ބެހޭކަމެއް ނޫން - މިނިސްޓަރ މަހުލޫފް


ކުޅިވަރު ގާނޫނު ބުނާގޮތުން އެސޯސިއެޝަންތަކުގެ މައްސަލަތަކަކީ މިނިސްޓަރާއި ބެހޭކަމެއް ނޫން ކަމަށާއި އެމައްސަލަތައް ބަލާނީ ސްޕޯޓްސް ކޮމިޝަނަރުކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މުހުލޫފް މިހެން ވިދާޅުވީ، މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް މަހިޖީލަހަށް ހުށަހެޅި ގަރާރާއި ގުޅިގެން، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން އެމައްސަލަ ދިރާސާކުރުމަށްޓަކައި މިނިސްޓަރ މަހުލޫފް ހާޒިރުކުރައްވައި ސުވާލުކުރެއްވުމުންނެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރަކީ، އެފްއޭއެމް އާއި ދޭތެރޭގައި ސްޕޯޓްސް މިނިސްޓްރީން ގާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅާފައިނުވާތީ، އެކަންކަން ބަލައި އެއިދާރާއާމެދު ފިޔަވަޅު އަޅައިދިނުމަށްއެދި މަޖިލީހަށް ހުށަހެޅި ގަރާރެކެވެ.

މި ގަރާރުގައި ޖުމްލަ ހަ ނުކުތާއެއް ފާހަގަކޮށްފައި ވާއިރު، އެފްއޭއެމުން ގަނޫނާއި ޚިލަފަށް ކޮށްފައިވާކަމަށްބުނާ ބައެއް ކަންކަމާއި، އަދި އެކަންކަން ބަލައި ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުގެ ތެރެއިން މިނިސްޓްރީއަށް ލިބިދީފައިވާ ނުކުތާތަކެއްވެސް ވަނީ ހިމަނާފައެވެ. އަދި މައްސަލަ އިތުރަށް ދިރާސާކުރުމަށް އިޖްތިމާއި ކޮމިޓީއަށް ފޮނުއްވުމުން އެމައްސަލަތަށް ބަލައި ނިމެންދެން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށް އެދި ކޮމިޓީން ވަނީ މިނިސްޓްރީއަށް ސިޓިއެއްވެސް ފޮނުވާފައެވެ.

މިކަންކަމަށް ޖަވާބުދާރީވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، ކުޅިވަރު ގާނޫނު ބުނާގޮތުން އެސޯސިއޭޝަންގެ މައްސަލަތަކަކީ މިނިސްޓަރާބެހޭ ކަންކަމެއް ނޫން ކަމަށާއި، އެކަންކަން ބަލާނީ ސްޕޯޓްސް ކޮމިޝަނުން ކަމަށެވެ. އެހެންކަމުން އެފްއޭއެމްގެ އިންތިޚާބު ފަސްކޮށްދިނުމަށްއެދި މިނިސްޓަރަށް އެފްއޭއެމްގައި އެދުމުގެ ފުރުސަތު ހަގީގަތުގައި ނެތްކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ކޮމިޓީން އިންތިހާބު ފަސްކޮށްދިނުމަށް އެދުމުން އެސިޓީގައި ވާގޮތަށް އެފްއޭއެމްއަށް ސިޓީ ފޮނުވި ކަމަށާއި، ނަމަވެސް ހަގީގަތުގައި އެއީ މިނިސްޓަރަށް ކުރެވޭނެ ކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. އަދި އެގޮށް ސިޓީއެއް ފޮނުވުމުން، ފީފާއިން އެކަމަކީ އިންތިހާބަށް ފޯރުވާ ނުފޫޒެއްކަމަށްބަލައި ފުޓުބޯޅަ ސަސްޕެންޑް ކުރުމަކީ މިމައްސަލަތަކުގެ ނުވަތަ ފުޓުބޯޅައިގެ ހައްލުތޯ މިނިސްޓަރ ވަނީ ސުވާލު އުފައްދާފައެވެ.

މި ގަރާރާއި ގުޅޭގޮތުން ކޮމިޓިން ސުވާލު ކުރުމުން ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ވިދާޅުވީ، ކުޅިވަރުގެ ކަންކަމަށް މަޖިލީހުން ސަމާލުކަންދެއްވާތީ އުފާކުރައްވާކަމަށެވެ. އަދި ގުޅިވަރާއި ސިޔާސަތު ގުޅުވަން ޖެހޭނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ކުޅިވަރު ސިޔާސީކޮށް، ސިޔާސީ ބޭފުޅުން ކުޅިވަރުން ސިޔާސީ ބޭނުންތައް ފުއްދަވަން މަސައްކަތް ކޮށްގެން މުނުވާނެކަމަށެވެ. އަދި އެފްއޭއެމްގެ ތެރޭގައި ގާނޫނާއި ޚިލާފު ކަންކަމެއް ހިނގާކަން ފާގަހަވެފައި ނުވާކަމަށާއި، ނަމަވެސް އިތުރުން ކަންކަމެއް ސާފުކުރުމަށް އެއިދާރާއަށް ލިއުމުން އެދިފައިވާނެކަމަށްވެސް ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ.