މިދިޔަ ޖެނުއަރީ މަހުގެ 3ވަނަ ދުވަހު އީރާނުގެ އިސް އަސްކަރީވެރިއެއްކަމަށްވާ ޤާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް އެމެރިކާއިން ދިން ވައިގެ ޙަމަލާއަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ދިން ޙަމަލާއެއްކަމަށް އދގެ އިންސާނީ ހައްޤުތަކާބެހޭ ތަޖުރިބާކާރެއް ވިދާޅުވެއްޖެއެވެ.
އެމެރިކާއިން ދިން ޙަމަލާގައި ސުލައިމާނީއާއި އިތުރު ނުވަ މީހުންވަނީ މަރުވެފައެވެ. ސުލައިމާނީ ހުންނެވީ އީރާނުގެ އިންޤިލާބީ ފައުޖުގައި ހިމެނޭ ޤުދުސް ލަޝަކަރުގެ އިސްވެރިޔާގެ ގޮތުގައެވެ. އޭނާއަކީ ޢިރާޤުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމަށް އީރާނުން ކުރަމުންދިޔަ މަސައްކަތުގެ މުހިންމު މޭސްތިރިއެކެވެ. އަދި އޭނާ މަސައްކަތްކުރެއްވީ މެދުއިރުމަތީގައި އީރާނުގެ އަސްކަރީ ފައުޖުތަކުގެ ނުފޫޒު އިތުރުކުރެއްވުމަށެވެ. އީރާނަށް ވަފާތެރި ހަނގުރާމަވެރިން މެދުއިރުމަތީގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ސިފައިންނަށް ޙަމަލާ ދެމުން ދިޔައީ ސުލައިމާނީގެ އިރުޝާދުގެ ދަށުންކަމަށް އެމެރިކާއިންވަނީ ތުހުމަތުކޮށްފައެވެ.
ސުލައިމާނީ އަވަހާރަވި ޙަމަލާއާގުޅޭ ގޮތުން ވާހަކަދައްކަވަމުން އދގެ ޚާއްޞަ ރެޕަޗަރެއްކަމަށްވާ އެގްނެސް ކަލަމާރޑު ވިދާޅުވީ އެމެރިކާއަށް ނުރައްކަލެއް އޮތްކަމަށް ބުނެ ސުލައިމާނީއަށް އަވަހާރަކޮށްލުމުގައި ޤަބޫލުކުރެވޭވަރުގެ ހެއްކެއް އެމެރިކާއަށް ދެއްކިފައި ނުވާކަމަށެވެ. އެ ޙަމަލާއަކީ އދގެ ޤާނޫނުތަކާ ޚިލާފަށް ދިން ޙަމަލާއެއްކަމަށް ޑްރޯން ބޭނުންކޮށްގެން ދޭ ޙަމަލާތަކާއި ހަތިޔާރު ބޭނުންކުރުމުގެ ޤަވާއިދުތަކާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ލިޔުމެއްގައި އޭނާ ފާހަގަކުރެއްވިއެވެ.
ސުލައިމާނީއަކީ އީރާނުގެ އަސްކަރީ ޙަރަކާތްތަކުގެ އިސް ރޭވުންތެރިޔާގެ އިތުރުން ސޫރިޔާއާއި ޢިރާޤުގައި އީރާނުން ހިންގާ ޙަރަކާތްތަކާ ޙަވާލުވެ ހުންނެވި އަސްކަރީވެރިޔާކަން ފާހަގަކުރައްވާ ކަލަމާރޑު ވިދާޅުވީ ބައެއްގެ ފުރާނައަށް ސީދާ ނުރައްކަލެއް އޮތްކަމަށް ސާބިތު ނުވާހާ ހިނދަކު އެމެރިކާއިން ދިން ޙަމަލާވާނީ ޤާނޫނާ ޚިލާފަށް ދިން ޙަމަލާއެއްކަމަށެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ޢިރާޤަށް ދިން ޙަމަލާއަކީ ބޭރު ޤައުމެއްގައި ހުރި އެހެން ޤައުމެއްގެ ރަސްމީ ފަރާތަކަށް އަމިއްލަ ދިފާޢުގައިކަމަށް ބުނެ އެއްވެސް ޤައުމަކުން ޙަމަލާ ދީފައިވާ ފުރަތަމަ ފަހަރުކަމަށެވެ.
ޙަމަލާދިނުމަށް ޑްރޯނު ބޭނުންކުރުމުގައި ދުނިޔެއިން ކުރިމަތިލަމުން ދަނީ އައު ހަރުފަތެއްކަމަށާއި ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތުގައިވެސް އދގެ ސަލާމަތީ މަޖިލީހުން އެކަމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޅި ދުނިޔެއިންވެސް އެ މައްސަލައާމެދު ހަނުހުރެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޖުލައި މަހުގެ 9ވަނަ ދުވަހު އދގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލަށް އޭނާގެ ރިޕޯޓު ހުށަހެޅުއްވުމަށް ކަލަމާރޑު ދަނީ ތައްޔާރުވަމުންނެވެ.