ޚަބަރު

ޓްރީޓޮޕްގައި އެޑްމިޓްކުރާ ބަލިމީހުން ކޯވިޑް-19އަށް ޓެސްޓް ކުރަނީ


ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކުރާ ޕޭޝަންޓުންވެސް ކޯވިޑް-19އަށް ޓެސްޓުކުރަން ފަށައިފިއެވެ.

ކޯވިޑް-19އަށް ޓެސްޓުކުރުމަށް އެހޮސްޕިޓަލުގައި ހަދަމުން އަންނަނީ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން ޕީސީއާރް ޓެސްޓުކަމަށް އެހޮސްޕިޓަލުން ހާމަކުރައްވައެވެ.

ހޮސްޕިޓަލުގައި އެޑިމިޓްކުރާ ޕޭޝަންޓުން ޓެސްޓުކުރަން ފެށިކަން ހާމަކުރައްވައި ޓްރީޓޮޕް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވިދާޅުވީ ހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ހޮސްޕިޓަލުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ސީރިއަސް ފިޔަވަޅުތަކެއް އަޅުއްވާފައިވާކަމަށެވެ. މީގެ އިތުރުންވެސް ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލްނަގައި ޓެސްޓު ހަދަމުންދާކަމުގައިވެސް އެހޮސްޕިޓަލުން ހާމަކުރައްވާފައިވެއެވެ.

މިގޮތުން ހަދަމުން ހަދަނީ "ސީރޮލޮޖީ" ނުވަތަ "ސީރަމް" ޓެސްޓުކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ. ސީރޮލޮޖީ ޓެސްޓަކީ ލޭ ނަގައިގެން ހަށިގަނޑުގައި އެއްވެސް ބާވަތެއްގެ އެންޓި-ބޮޑީއެއް ހުރިތޯ ބަލަން ހަދާ ޓެސްޓެކެވެ. އަދި ސީރަމް ޓެސްޓަކީ ލޭގައި އަލްބިއުމަން ހުރިތޯބެލުމަށް ހަދާ ޓެސްޓެކެވެ. މިޓެސްޓުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ރެންޑަމް ސާމްޕަލްތައް މެދުވެރިކޮށް ކޯވިޑް-19އިން ރައްކާތެރިވުމަށް ހަދަމުން އަންނަ ޓެސްޓުތަކެކެވެ.

މީގެއިތުރުންވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެހޮސްޕިޓަލުގައި އަންނަނީ އަޅަމުންނެވެ. އެގޮތުން ހޮސްޕިޓަލް ސެނަޓައިޒްކުރުމާއި ހޮސްޕިޓަލަށް ވަންނަ ހުރިހާ މީހުން ކޯވިޑް-19އަށް ސްކްރީންކުރުމާއި ހޮސްޕިޓަލްގެ ތެރޭގައި ހުރިހާ ފަރާތަކުންވެސް މާސްކު ބޭނުންކުރުން ހިމެނެއެވެ. އަދި އެހޮސްޕިޓަލްގެ އޯޕީޑީއަށް އެޕޮއިންޓްމަންޓް ހަދާ ފަރާތްތަކުގެ ކިބައިގައި ހުމާ ރޯގާގެ އެއްވެސް އަލާމާތެއް ހުރިތޯބަލައި އެފަރާތްތައް ޓްރީޓޮޕްގެ ފްލޫ ކްލިނިކުން ޗެކްކުރުމަށްފަހު އެޕޮއިންޓްމަންޓް ދިނުމުގެ އިންތިޒާމުވެސްވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ގައިދުރުކަން ކަށަވަރުކުރުމުގެ އިންތިޒާމުތައްވެސް އެހޮސްޕިޓަލުގައި ވަނީ ހަމަޖައްސާފައެވެ.

އިތުރަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހޮސްޕިޓަލަށް ބަލި މީހުންނަށް ގޮވާލަން ދިޔުމުގެ ވަގުތުތައް ވަނީ ލިމިޓުކޮށްފައެވެ. އެގޮތުން މިހާރު ހޮސްޕިޓަލުގެ ސީސީޔޫއާއި އައިސީޔޫ އާއި އެޗްޑީޔޫ އާއި އެންއައިސީޔޫ އާއި ޑޭކެއަރ ޔުނިޓަށް ބަލިމީހުނަށް ގޮވާލަން ޒިޔާރަތް ނުކުރެވޭނެކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެއިތުރުން ވޯޑުތަކުގައި އެޑްމިޓްކޮށްފައިވާ ފަރާތްތަކަށް ޒިޔާރަތް ކުރެވޭނީ ހެނދުނު 11އިން މެންދުރު 12 ޖެހުމާއި ހަމައަށެވެ. އަދި އިރުއޮއްސި 6ން 7ށް ޖެހުމާއި ހަމައަށެވެ. މީގެއިތުރުން ޢުމުރުން 14 އަހަރަށްވުރެ ދަށުގެ ކުއްޖަކަށް ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ގޮވާލަން ނާދެވޭނެ ކަމަށާއި އެއްވެސް ވަރަކަށް ހުމާ ރޯގާގެ އަލާމާތެއް ހުރި މީހަކަށް ވޯޑުތަކަށް ޒިޔާރަތްނުކުރެވޭނެކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

ރާއްޖޭގައި މިހާރު ދީފައިވާ ފުރަބަންދުގެ ލުއިތަކާއެކު ވައިރަހުގެ ނުރައްކާ އަންނަނީ ބޮޑުވަމުންނެވެ. އެހެންކަމުން މިދުވަސްވަރު ހޮސްޕިޓަލްތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.