ޚަބަރު

ދަރިވަރުންގެ ތިމާވެށީގެ ޤައުމީ މަހާސިންތާ ނިމުން


ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ސްކޫލްތަކުގެ ފެންވަރުގައި ތަފާތު މަސައްކަތްތަކެއް ކުރުމަށް ޓާގެޓްކޮށް ވަކި ލަނޑުދަޑިތަކަކަށް ވާސިލުވުމަށް ޢަޒުމްކަނޑައަޅާ "ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ" 2015 ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މާލޭގައި ބޭއްވި މި މަހާސިންތާއަށްފަހު ބައެއް ސްކޫލްތަކުގެ ދަރިވަރުންވަނީ ސައިކަލުތަކުގައި ސްކޫލަށް ދިއުމުގެ ބަދަލުގައި ބައިސްކަލް ބޭނުން ކުރުމަށާއި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، އިޔާދަ ކުރަނިވި ހަކަތަ ސްކޫލްތަކުގައި ބޭނުން ކުރުމަށް ސްކޫލް މެނޭޖްމަންޓަށް ދަންނަވައި އެފަދަ ކަންކަން ކުރުމަށް އަޒުމް ކަނޑައަޅާފައެވެ.އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ތިމާވެށީގެ ކަންކަމަށް ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ހިތްވަރު ދިނުމަށް މިއަހަރު ފެށި "ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ" 2015 ގައި ބައިވެރިވި ސްކޫލްތަކުންވަނީ، އެ  ސްކޫލެއް ހިމެނޭ ރަށާއި އަތޮޅުގައި ތިމާވެއްޓަށް ނުރައްކާވާގޮތަށް ހުރި ކަންކަން ދިރާސާކޮށް އެކަންކަމުގެ މައްޗަށް ބަލައި ޕްރެޒެންޓޭޝަން ތަކެއް ހުށައަޅާފައެވެ. ދަރިވަރުންގެ ހުށައެޅުންތަކާއި، ސުވާލުތަކަށް ޖަވާބުދެއްވީ ރާއްޖޭގައި ތިމާވެށީގެ ދާއިރާގެ ކަންކަމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނެވެ. 41 ސްކޫލަކުން 250 އެއްހާ ދަރިވަރުން ބައިވެރިވި މި މަހާސިންތާ ނިންމާލިއިރުވަނީ ދެއަހަރު ތެރޭގައި ތިމާވެށީގެ ދާއިރާއިން މައިގަނޑު ސަތާރަ ކަމެއް ހިމެނޭގޮތަށް، ރައްކާތެރިކަމާއެކު ތިމާވެށި ދެމެހެއްޓުމަށް ސްކޫލްތަކުން ވަކި ކަންތައްތަކެއް ކުރުމަށް އެއްބަސްވެ ގައިޑްލައިނެއް އެކުލަވާލާފައެވެ. މަހާސިންތާގައި ސްކޫލްތަކުން އެއްބަސްވި ކަންކަމުގެ ތެރޭގައި ސްކޫލްތަކުން ރާވާ ހަރަކާތްތައް އެ ސްކޫލަކުން ޕްލޭން ކުރުން ހިމެނެއެވެ. މިގޮތުން ހިންގާނެ ހަރަކާތްތައް ރާވާ މޮނިޓަރ ކުރަން ކޮންމެ ދިރާސީ ޓާރމެއްގައިވެސް މަދުވެގެން ދެ ބައްދަލުވުން ސްކޫލުގެ ތިމާވެށީގެ ކްލަބްތަކާއި، މެނޭޖްމަންޓާއި ގުޅިގެން  ބާއްވަން ޖެހެއެވެ. ކޮންމެ އަހަރެއްވެސް  ނިމުމުން އެ އަހަރެއްގެ ތިމާވެށީގެ  ޝިއާރުގެ ދަށުން ސްކޫލުތަކުން ކުރެވުނު މަސައްކަތްތައް ބަޔާންކޮށް ކޮންމެ އަހަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީއަސް އަހަރީ ރިޕޯޓެއް ހުށައަޅަން ޖެހެއެވެ.  ބައެއް ބައިވެރިން ބުނީ، މި މަހާސިންތާއިން ލިބުނު މައުލޫމާތުގެ އަލީގައި، ކަރަންޓް ޚަރަދު ކުޑަކުރުމަށާއި، ސައިކަލުތަކުގައި ސްކޫލަށް ދިއުމުގެ ބަދަލުގައި ބައިސްކަލް ބޭނުން ކުރުމަށާއި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، އިޔާދަ ކުރަނިވި ހަކަތަ ސްކޫލްތަކުގައި ބޭނުން ކުރުމަށް ސްކޫލް މެނޭޖްމަންޓަށް ދަންނަވައި އެފަދަ ކަންކަން ކުރުމަށް އަޒުމް ކަނޑައަޅާފައެވެ.ސެންޓަރ ފޮރ ހަޔަ ސެކަންޑްރީ އެޑިއުކޭޝަނުން މި އަހަރުގެ  "ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ" ޗެއަރކޮށްފައިވާއިރު، މިފަހަރުގެ މަހާސިންތާ ނިންމާލާފައިވަނީ، 2017 ވަނަ އަހަރު ބާއްވާ "ދަރިވަރުންގެ ތިމާވެށީގެ ގައުމީ މަހާސިންތާ" ޗެއަރ ކުރުމަށް ސްކޫލްތަކުގެ މެދުގައި ނެގުނު ފޯރިގަދަ ވޯޓަކުން މަޖީދިއްޔާ ސްކޫލާ ވާދަކޮށް ޢިމާދުއްދީން ސްކޫލުން ކުރިހޯދައިގެންނެވެ.