ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެކަމަށް ލަފާކުރެވޭތީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ޚާއްސަކޮށް މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އެހެންކަމުން މޫސުން ގޯސްވެ ދިމާވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ރައްކާތެރިވުމުގެ ފިޔވަޅުތައް އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައިވެސް އެކި ރަށްރަށަށް އުދައަރާނެކަމަށް ލަފާކުރެވޭތީ އެކަމަށްވެސް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. މިގޮތުން މިކަމުން ރައްކާތެރިވުމަށްޓަކއި ހިފާ ގެންގުޅޭ ތަކެތި ލޮނު ނުޖެހޭނެ ހިސާބެއްގައި ބެހެއްޓުމާއި ފެންވަދެދާނެކަމަށް ލަފާކޮށް ވެލިބަސްތާތައް ޖެހުންފަދަ ކަންކަން ކުރެވިދާނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި ހުޅަނގުދެކުނުން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެންހިސާބުތަކަށް 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީކަނޑުތައް މެދުރާއްޖެތެރޭގައި ގަދަވާނެކަމަށާއި އެހެން ހިސާބތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިއްޔެވެސް މާލެއަށް 59 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކަކީ މޫސުމް ގޯސްވާނެ ދުވަސްތަކެއް ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.