ޚަބަރު

ކެނދިކުޅުދޫ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި




އެންމެ ފަހުގެ އަތޮޅު
ޗެމްޕިއަން ޅޮހި ބަލިކޮށް ކެނދިކުޅުދޫ އިން މިނިވަން ފަންސާސް ނ.އަތޮޅު ފުޓްބޯޅަ
މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.



މިނިވަން ފަންސާސް ނ.އަތޮޅު
ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން ކެނދިކުޅުދޫ ފުޓްބޯޅަ ދަނޑުގައި ކެނދިކުޅުދޫ
އާއި ޅޮހި ބައްދަލުކުރި މެޗު ކެނދިކުޅުދޫ ޓީމުން ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.



ދެރަށުގެ ގިނަ އަދަދެއްގެ
ސަޕޯޓަރުން ކުރިމަތީގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ ދެޓީމު
ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނެޖެހިއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ޅޮހީ ޓީމުން
ވަނީ ރަނގަޅުކުޅުމެއް ދައްކާ ނުރައްކާ ހަމަލާތަކެއް ކެނދިކުޅުދޫ ގޯލާ އަމާޒުކޮށް
ފޮނުވާލާފައެވެ.



ދެވަނަ ހާފު ފެށިގެން މާގިނަ
އިރުތަކެއް ނުވެ ޅޮހީ ޓީމުގެ އަރިމަތިން ފަހަތަށް ކުޅެމުން ގެންދިޔަ އެޓީމުގެ
ރުޝްދީ އަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމާއެކު
ކެނދިކުޅުދޫ އިން މެޗުގެ ކޮންޓޮރޯލް ނެގިއެވެ. މެޗުގައި ކެނދިކުޅުދޫ އިން ޖެހި
ފުރަތަމަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް
ދެއްކި ކެނދިކުޅުދޫ ޓީމުގެ ކެޕްޓަން އަލީ ބުޝްރީއެވެ.



 މެޗު ނިމެން
ގާތްވެފައިވަނިކޮށް ކެނދިކުޅުދޫ ޓީމުގެ ހުސެން ފަޔާޒް އިތުރު ލަނޑެއް ކާމިޔާބުކޮށް
ކެނދިކުޅުދޫ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ނެގި ކޯނަރެއް
ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.



މި މުބާރާތުގެ ފުރަތަމަ ލެގުގެ ދެވަނަ މެޗު އޮންނާނީ
މިމަހުގެ 28 ވާ ހުކުރު ދުވަހު ނ.މަނަދޫ ފުޓްބޯޅަ ދަނޑުގައެވެ. މި މެޗުގަ އެންމެ ފަހުގެ
ޒޯން ޗެމްޕިއަން މަނަދޫ ނިކުންނާނީ ކެނދިކުޅުދޫ އާއި ދެކޮޅަށެވެ.