ޚަބަރު

ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި މެންބަރު ރިޟާ ފުލުހަށް ޙާޒިރުކޮށްފި


ރިސޯޓެއްގެ ގޮތުގައި ބ.ބޮޑުފިނޮޅުގައި ތަރައްޤީ ކުރުމުގެ މަސއްކަތް ކުރަމުން އަންނަ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާގެ ކުންފުނި ރިޒްކުންފުޏަށް ކުރެވޭ ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި އޭނާ ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް ސުވާލުކޮށްފިއެވެ. ފުލުހުން ތަޙްޤީޤްކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މެންބަރު ރިޟާ ޕޮލިހަށް ޙާޒިރުކޮށްފައިވާކަން ފުލުހުންވެސްވަނީ ވިދާޅުވެފައެވެ. މެންބަރު ރިޟާއަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.

މެންބަރު ރިޟާ ފުލުހުންގެ އިދާރާއަށް ޙާޒިރުކޮށް ސުވާލުކޮށްފައި މިވަނީ، ބޮޑުފިނޮޅު ތަރައްްޤީ ކުރުމުގެ މަސައްކަތްކުރަމުން އަންނަ އެކުންފުނީގެ މުވައްޒަފުންތަކެއް 13 ދިވެހިން ރަހީނުރި މައްސަލާގައި އެމީހުން ހައްޔަރުކޮށް އެމައްސަލަ ތަޙްޤީޤްކުރަމުން އަންނަނިކޮށެވެ. އަދި އެކުންފުނީގެ ބިދޭސީންނަށް މުސާރަ ނުދޭތާ ހަމަހަށްވުރެ ގިނަދުވަސްވެފައިވާކަމުގެ ތުހުމަތުވެސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

13 ދިވެހިން ރަހީނުކުރި މައްސަލާގައި ރިޒް ކުންފުނީގެ 19 ބިދޭސީން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ މައްޗަށް ވަނީ ވައްކަމާއި ޓެރަރިޒްމްގެ ދަޢުވާ އުފުލާފައެވެ. އަދި އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ކޯޓުން ޖަހާފައެވެ. ބަންދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ފުލުހުން ވިދާޅުވީ ރިޒް ޕްރައިވެޓް ލިިމިޓެޑް ކުފުންފުނީގައި މަސައްކަތްކުރާ 190 ބިދޭސީނަށް މުސާރަ ނުލިބޭކަމަށް ބުނެ އެކަމުގެ ރުޅިވެރިކަމުގައި ގެއްލުން ދީފައިވަނީ އެރަށުގައިހުރި ސީލް މޯލްޑިވްސް ކުންފުނީގެ މުދަލަށްކަމަށެވެ.

ރަށުގައި ހުރި ބައެއް ތަކެއްޗާއި ތަންތަނަށް ގެއްލުން ދިނުމުގެ އިތުރުން އެރަށުގައި މަސައްކަތްކުރި ދިވެހިންގެ ބަޔަކު ރަހީނުކޮށް އެކަން ހުއްޓުވަންދިޔަ ފުލުހުންނާ މާރާމާރީ ހިންގާފައިކަމަށްވެސް ފުލުހުންގެ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެއިތުރުން އެރަށުގައި ހުރި އޮފީސް ފަޅާލާ އެތަނުގައި ހުރި ފައިސާ ވަގަށް ނަގާފައިވާކަމަށް ފުލުހުންގެ ތަހުޤީގު ބަޔާނުގައިވެއެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ބަައެއް މީހުންގެ މައްޗަށް ކުރަނީ މުދަލަށް ގެއްލުންދިނުމުގެ ކުށާއި އެއްޗެއް ނުވަތަ ތަނެއް ފާނާކުރުމުގެ ކުށުގެ ތުހުމަތެވެ. އަދި މިމީހުންގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ތުހުމަތުވެސް ފުލުހުން ވަނީ އުފުލާފައިއެވެ.

ފުލުހުންނާ މާރާމާރީ ހިންގުމާ ގުޅިގެން ހައްޔަރު ކުރި 19 މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމް ހުއްޓުވުމާއި ޓެރަރިޒަމަށް ފައިނޭސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބިރުވެރިކަން އުފައްދާ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ތުހުމަތުވެސް ފުލުހުންވަނީ އުފުލާފައެވެ. އަދި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމާއި ޢާއްމު މަސްލަޙަތު ގެއްލުވާލުމާއި މުޖްތަމައަށް ނުރައްކާ ކުރުމުގެ ކުށުގެ ތުހުމަތުތައްވެސް އެމީހުންގެ މައްޗަށް ކުރެއެވެ.

ބަންގަލްދޭސް ތަރުޖާމާނެއްގެ އެހީގައި ކުރިޔަށް ގެންދިޔަ މަޖިލީހުގައި ފުލުހުން ކުރި ތުހުމަތުތަކުގެ ތެރެއިން ފުލުހުންނަށް ހަމަލާދިންކަމަށް ބުނާ ބުނުމަށް ހުރިހާ ބިދޭސީން އެކުށަށް ވަނީ އިންކާރުކޮށްފައެވެ. އެހެންނަމަވެސް ތަންތަނާއި ތަކެއްޗަށް ގެއްލުން ދިންކަމަށް ބައެއް މީހުންވަނީ އެއްބަސްވެފައެވެ.

ބޮޑުފިނޮޅަކީ ސީލް މޯލްޑިވްސްއިން ތަރައްޤީކުރަމުން އަންނަ ރިސޯޓްކެވެ. އެރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑާއެވެ. މުސާރައިގެ މައްސަލާގައި މުސާރަ ނުދެވުނީ ފައިސާ ނެތިގެންކަމަށް ފުރަތަމަ ބުނިނަމަވެސް އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސައްކަތް ކުރާ މުވައްޒަފުންނަނަށް މުސާރަ ދިނުމަކީ ސީލް މޯލްޑިވްސްގެ ކުރަންޖެހޭ ކަމެއްކަމަށެވެ. މިވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒް ކުންފުންޏަށް ފައިސާ ނުދޭކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށެވެ. އަދި އެއްބަސްވުމުގެ އިތުރަށްވެސް ފައިސާދީފައިވާކަމަށް ސީލް މޯލްޑިވްސްއިން ބުނެއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއްވެފައިވާކަމަށް އެމީހުން ބުނާއިރު އެރަށުގައި މަސައްކަތްކުރާ ދިވެހިންވެސް ބުނަނީ އެމީހުނަށްވެސް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.