ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެމެރިކާއިން އެއްބާރުލުން ދެމުންދާނެކަމުގެ ޔަޤީންކަން އެޤައުމުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮންޕިއޯ ދެއްވައިފިއެވެ.
ޕޮމްޕިއޯ މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި ފޯނުން ގުޅުއްވުވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. ޕޮމްޕިއޯއާއި ފޮރިން މިނިސްޓަރ ޝާހިދާއި ދެބޭފުޅުން ކުރެއްވި ފޯނު ކޯލުގައި މަޝްވަރާކުރެއްވި ކަންތައްތަކާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ބަޔާނެއްވެސް ނެރެފައެވެ.
މިބަޔާނުގައި ވާގޮތުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމުން، އެއްޤައުމު އަނެއް ޤައުމަށް އެއްބާރުލުންދީ، މުހިންމު ކަންތައްތަކުގައި އެކުގައި މަސައްކަތް ކުރުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ.
ޚާއްސަކޮށް ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ދެޤައުމުން ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާއި، ކޯވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ދެމުންދާ އެހީތަކާއި އަދި އިތުރަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށް މި ބަޔާނުގައިވެއެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމާއިބެހޭ ގޮތުންނާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމާއިބެހޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށާއި އިޤްތިޞާދީގޮތުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ވަމުންދާ އެހީތެރިކަމަށްޓަކައި އެމެރިކާ ސަރުކާރަށް ޝުކުރުއަދާކުރައްވާފައިވާކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާއިއެކު އެމެރިކާއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 1966 ވަނަ އަހަރުއެވެ.