ޚަބަރު

ބިމުއަޑީގައި މިސައިލު މަރުކަޒުތައް ޤާއިމުކޮށްފައިވާކަމަށް އީރާނުން ބުނެފި


އީރާނުގެ އައްސޭރިފަށާއި އެއްގަމުގެ ސަރަޙައްދުތަކުގެ ބިމުއަޑީގައި މިސައިލު މަރުކަޒުތަކެއް ބިނާކޮށްފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ.

އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިއެއްކަމަށްވާ ރިއަރ އެޑުމިރަލް ޢަލީ ރިޒާ ތަންގުސިރީ ވިދާޅުވީ އެ މަރުކަޒުތަކުގައި ބިމުގެއަޑީގައި ބިނާކޮށްފައިވާ ކިއްލާތަކާއި ފެންމަތީގައި އަޅާފައިވާ ޕުލެޓުފޯމުތައް ހިމެނޭކަމަށެވެ. ޕަރޝިއަން ގަލްފާއި ގަލްފު އޮފް އޮމާނުގެ އައްސޭރިފަށުގައި ޤާއިމުކޮށްފައިވާ މިސައިލު މަރުކަޒުތަކަކީ އެ ޤައުމުގެ ޢަދުއްވުންނަށް އޮތް ބޮޑު ބިރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކަނޑުގެ ހުރިހާ ސަރަޙައްދުތަކުގައި އީރާނުގެ އިންޤިލާބީ ފައުޖުތައް ޙަރަކާތްތެރިވަމުންދާކަމަށާއި 23،000 ސިފައިންގެ އިތުރުން 428 އުޅަނދު އެ ޤައުމުގެ ކަނޑުގެ ސަރަޙައްދީ ރޮނގުތައް ކައިރީގައި ޙަރަކާތްތެރިވަމުންދާކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ޒަމާނީ އަސްކަރީ ހަތިޔާރާއި އުޅަނދު އެ ޤައުމުގެ އަސްކަރިއްޔާގައި ހުރިކަމަށް އޭނާވަނީ އިޝާރާތް ކުރައްވައިފައެވެ.

މީގެ ކުރިންވެސް ގިނަ ޢަދަދެއްގެ މިސައިލު ރައްކާކޮށްފައިވާކަމަށާއި އެ މިސައިލުތައް އުދުއްސާ މަރުކަޒުތަކުގެ އިތުރުން ބިމުއަޑީގައި ކާރުޚާނާތައް ޤާއިމްކޮށްފައިވާކަމަށް އީރާނުންވަނީ ބުނެފައެވެ. އެ ތަންތަނުގެ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިޔޯއެއް މިހާތަނަށް އީރާނުން ޢާންމުކޮށްފައެއް ނުވެއެވެ.

މިދިޔަ ހޫނު މޫސުމުން ފެށިގެން ޕަރޝިއަން ގަލްފުގައި އަސްކަރީ ޙަރަކާތްތައްވަނީ އިތުރުވެފައެވެ. އަދި ކަނޑުމަތީގެ ޙާދިޘާތަކާއި ތެޔޮ ޓޭންކަރުތަކަށް ދޭ ގޮތް ނޭނގޭ ޙަމަލާތައްވަނީ އިތުރުވެފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތްފަދަ ޤައުމުތަކުންވަނީ އެ ޙަމަލާތަކުގެ ފަހަތުގައިވަނީ އީރާނުކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެ ތުހުމަތުތައް އީރާނުން ދޮގުކުރެއެވެ. އަދި އެ ތުހުމަތުތަކަށް ބާރުދޭ އެއްވެސް ޙެއްކެއް ނެތްކަމަށް އީރާނުންވަނީ ތަކުރާރުކޮށް ފާހަގަކޮށްފައެވެ.