ދެކުނު ޗައިނާގެ ކަނޑުގެ ސަރަޙައްދުގައި އެމެރިކާއިން އަސްކަރީ ތަމުރީނުތަކެއް ފަށައިފިއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ ބުނީ ޖުލައި މަހުގެ 4ވަނަ ދުވަހުން ފެށިގެން ތަމުރީނުތައް ކުރިއަށްދަނީ ޗައިނާގެ ސިފައިންނަށް ފެންނަ ހިސާބުގަކަމަށާއި އެމެރިކާގެ މަނަވަރުތަކަށް ޗައިނާގެ އުޅަނދުތައް ފެނިފައިވާކަމަށެވެ. އެ ތަމުރީނުތަކުގައި ޙަރަކާތްތެރިވާ އެމެރިކާގެ މަނަވަރުތަކަކީ ޔޫއެސްއެސް ރޮނާލްޑް ރޭގަންނާއި ޔޫއެސްއެސް ނިމިޓްޒެވެ. އެ ދެ މަނަވަރުގައި 12،000އަށްވުރެ ގިނަ ސިފައިންނާއި 90އަށްވުރެ ގިނަ ހަނގުރާމަމަތީ މަތިންދާބޯޓު ދަނީ ޙަރަކާތްތެރިވަމުންނެވެ.
ދެކުނު ޗައިނާގެ މިލްކުވެރިކަމާމެދު ޗައިނާއާއި އަވަށްޓެރި ޤައުމުތަކާއި ދެމެދު ބޮޑެތި ދެބަސްވުންތަކެއްވަނީ އުފެދިފައެވެ. ޗައިނާއިން ބުނާ ގޮތުގައި އެ ކަނޑުގެ 90 އިންސައްތަ ހިމެނެނީ އެ ޤައުމުގެ ސަރަހައްދުތަކުގެ ގޮތުގައެވެ. އެ ކަނޑަކީ އަހަރަކު 3 ޓުރިލިން އެމެރިކާ ޑޮލަރުގެ މުދާ އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް ބޭނުންކުރާ މުހިންމު ސަރަޙައްދެކެވެ. ޗައިނާގެ އިތުރުން ބުރުނާއީއާއި މެލޭޝިޔާއާއި ފިލިޕީންސާއި ޓައިވާނާއި ވިއެޓުނާމުންވެސް އެ ކަނޑުގެ ސަރަޙައްދުތަކުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ.
ޗައިނާއިން ބުނާ ގޮތުގައި އެމެރިކާއިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމުރީނުތަކެއް ކުރިއަށްގެންދަނީ ޗައިނާއަށް އެ ޤައުމުގެ އަސްކަރީ ބާރުވެރިކަން ދައްކައި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްކުރުމުގެ މަޤުޞަދުގައެވެ.