ކްރިމިނަލް ކޯޓްގެ ޤާޟީ ޙަސަން ނަޖީބުގެ ޖިނާއީ މައްސަލަތަކެއް ފާހަގަކުރެވޭތީ އެ މައްސަލަތައް ބަލާދިނުމަށް ފުލުހުންނަށް ހުށައަޅާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޙަސަން ނަޖީބު ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކޮށްފައިވާތީ ގާޟީކަމުން ވަކިކުރަން ޖޭއެސްސީން ނިންމާ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްއެ މައްސަލަ މިއަދަށް އެޖެންޑާކޮށްފައިވަނިކޮށް އެނާ ވަނީ ރޭ މަަޤާމުން އިސްތިއުފާދެއްވާފައެވެ.
ޤާޟީ ޙަސަން ނަޖީބު އިސްތިއުފާދެއްވާ ނެރުނު ބަޔާނެއްގައި ވަނީ މަޤާމުން އިސްތިއުފާދެއްވީ މި ދަނޑިވަޅު ޝަރުއީ ނިޒާމުގެ ތެރޭގައި ފަނޑިޔާރުންގެ މުސްތަޤިއްލުކަމާއި މިނިވަންކަމާއެކު ޙުކުމް ކުރުމުގެ މާޙައުލުނެތި ގެއްލި ގޮސްފިކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އަދި ރައްޔިތުން މަޖިލީހަކީ ވަކި ފިކުރެއްގެ މައްޗަށް ގެއްލި ހުސްވެފައިވާ އިންސާފުގެ ކަންފުޅެއްވެސް ނެތް ބަދަލު ހިފުމުގެ ޖޯޝާއި ފޯރީގައި އޮތް މަޖިލީހަކަށް ވުމުން އެމަޖިލީހުން ިއންސާފު ލިބިދާނެކަމަށް ޤަބޫލުނުކުރެވޭތީކަމަށްވެސް ޤާޟީ ޙަސަން ނަޖީބުގެ ބަޔާނުގައިވެއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ފަޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ފަނޑިޔާރުންގެ ތެރޭގައި ތަފާތުކުރުމެއްނެތި، ޤާނޫނުއަސާސީއާއި ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު އެއީ އަސާސްކަމުގައި ބަލައިގެންކަމަށެވެ.
ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ވަކި ފިކުރަކަށް ތާއީދު ކުރާކަމަށް ބުނެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ނިންމާފައިވަނީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ފިކުރަކަށް ބެލުމެއްނެތިކަމަށްކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން އެމް.ޑީ.ޕީ. އަދި ޕީ.ޕީ.އެމްގެ ސިޔާސީ ތަކުގައި ބައިވެރިވެގެން މިކޮމިޝަނުން 14 މައްސަލައެއް ބަލާފައިވާކަމަށާއި އެފަދަ މައްސަލައެއް ތަޙްޤީޤުކޮށް ނިމުމުން 32 ފަނޑިޔާރަކު މަޤާމުން އިސްތިއުފާ ދެއްވާފައިވާކަންވެސް ޖޭއެސްސީގެ ބަޔާނުގަައިވެއެވެ.
ޙަސަން ނަޖީބް ގުޅޭގޮތުން ހުށަހެޅިފައިވާ ބައެއް މައްސަލަތައް ކޮމިޝަނުން ބެލުމަށްފަހު، ފިޔަވަޅެއްގެ ގޮތުގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށައެޅީ ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ އިޖުރާއަތެއް ފުރިހަމަކޮށް އެފަނޑިޔާރަށް ލިބިދޭންޖެހޭކަމަށް ގާނޫނުން ކަނޑައަޅާފައިވާ އެންމެހާ ހައްގުތައް ފުރިހަމަ އަށް ދިނުމަށް ފަހުގައިކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ޖޭއެސްސީންގެ ބަޔާނުގައި ވަނީ ހަސަން ނަޖީބާއި ގުޅިގެން އެ ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކުގައި ތަފްސީލު އާއްމުކޮށްފައެވެ.
ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވަނީ 2017 ވަނަ ޢަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް،ޑީ.ޕީ) އިން ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ގާތު އޭނާގެ ނަން އަނބުރާ ނެގުމަށް ހަސަން ނަޖީބް އެދިފައިވާކަމަށެވެ. އަދި އެ އިންތިޚާބުގައި ޕްރޮގްސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ކުރިމަތިލާފައިވާ ކެންޑިޑޭޓަށް ތާއީދުކުރުމަށް ޤާޟީ ޙަސަން ނަޖީބު ބުނިކަމަށާއި، ނަން އަނބުރާ ނެގުމަށް ބުނި ކެންޑިޑޭޓުގެ ކެންޑިޑެސީ ބާޠިލުކުރުމަށް ޤާޟީ ޙަސަން މަސައްކަތްކުރެއްވިކަމަށެވެ.
2017 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލަށް ޕީ.ޕީ.އެމް އިން ވާދަކުރި ކެންޑިޑޭޓަކާއެކު ޤާޟީ ޙަސަން ނަޖީބު އެމް.ޑީ.ޕީ. އެކްޓިވިސްޓަކާއި ބައްދަލުކޮށް އޭނާ ޕީ.ޕީ.އެމް.އަށް ސޮއިކުރުވިކަމަށް ބުނާ މައްސަލައެއްވެސް ކޮމިޝަނުން ބަލާފައިވާކަމަށް އެ ނޫސްބަޔާނުގައިވެއެވެ.
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީ.ޕީ.އެމުން ވާދަކުރާ ކެންޑިޑޭޓް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަށް ތާއީދު ހޯދުމުގެ ގޮތުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރީކޮޅުގައި ޤާޟީ ޙަސަން ނަޖީބު އެހެން ފަނޑިޔާރުންތަކަކާއެކު، ގއ. ވިލިނގިލި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕީއެލްސީ (އެސްޓީއޯ) ގެ މުވައްޒަފުންތަކަކާއެކު ބައްދަލުވުމެއް ބާއްވާ ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެގޮތުން ވާހަކަ ދައްކާފައިވާކަމަށް ބުނެ ހުށަހެޅުނު މައްސަލައެއްވެސް ކޮމިޝަނުން ބަލާފައިވާކަމަށް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
ޤާޟީ ޙުސަން ނަޖީބު ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ވަޒީފާގައި އުޅެނިކޮށް، އެއްވެސް
ފަރާތަކުން ގއ ވިލިނގިލީ ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައިނުވަނީސް، ޤާޟީ ޙަސަން ނަޖީބުގެ އަމިއްލަ
އިސްނެގުމަށް ގއ. ވިލިނގިލީ ދެ މީހެއް ހައްޔަރުކުރުމަށް ގއ. ވިލިނގިލީ ކޯޓުން އަމުރެއް ނެރެފައިވާކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ.
މީގެއިތުރުން މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ޤާޟީ ޙަސަން ނަޖީބު އާއި އެހެންފަނޑިޔާރުންތަކެއް ގއ. ގެމަނަފުއްޓަށް ދަތުރުކޮށް، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޖަލުގައި ބަންދުކޮށްފައިހުރި ގއ. ގެމަނަފުށީ މީހެއްގެ ޢާއިލާގެ މެމްބަރުންތަކާއެކު ޕީ.ޕީ.އެމްގެ އެކްޓިވިސްޓެއްގެ ގޭގައި ބައްދަލުކޮށް އެޢާއިލާ އެންމެން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވޯޓް ދޭން އެއްބަސްވާނަމަ ޖަލުގައި ބަންދުކޮށްފައިހުރި މިހާ މިނިވަންކުރެވިދާނެކަމަށް ބުނިކަމަށް ބުނެ ހުށައެޅި މައްސަލައެއްވެސް ކޮމިޝަނުން ވަނީ ބަލާފައެވެ.
މީގެއިތުރުން ކޮމިޝަނަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައެއް ބަލާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ. މިގޮތުން ކުންފުންޏެއްގެ ހިއްސާދާރަކަށްވެ ހުރެ މާލީ ބަޔާން ހުށައެޅި އެ މައުލޫމާތުތައް ސިއްރުކޮށް ދޮގު މައުލޫމާތު ދީފައިވާކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައިވެއެވެ.