އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފައެއް ނުލިބުނަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ތަރައްޤީކޮށްފައިވާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް ވެސް ހުރަހެއް ނެތްކަމަށް އޭސީސީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށްދޭން އޭސީސީގެ ލަފަޔަކަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ދެވަނަ ފަހަރަށް އެދުނީ ޓާމިނަލް ކުއްޔަށް ދޭން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން ފަހުން ކަމަށެވެ. އެހެންކަމުން ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް ހުރަހެއް އޮތްކަމަށް ޤަބޫލުނުކުރައްވާކަމަށް ޝިއުނާ ވިދާޅުވިއެވެ.
ޝިއުނާ ވިދާޅުވީ އޭސީސީން އެމްއޭސީއެލްއަށް ކުރިންވެސް ލަފާ ތަކެއް ދިންކަމަށާ، އެހެންކަމުން ޓާމިނަލް ކުއްޔަށް ދިނުމުގައި ކޮމިޝަނާހެދި އެއްވެސް ހުރަހެއް އެޅިފައި އޮތްކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.
އެހެންނަމަވެސް މިދިޔަމަހު އެމްއޭސީއެލްގެ ވެރިން އެސްއޯއީ ކޮމިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކުގައިވަނީ ޓާމިނަލް ކުއްޔަށް ދިނުން މަޑުޖައްސާލާފައި އޮތީ އޭސީސީގެ ލަފައެއް ލިބެންދެންކަމަށް ވިދާޅުވެފައެވެ. މިމައްސަލާގައި އެމްއޭސީއެލްއާއި ޓީއެމްއޭގެ މަޝްވަރާގެ ކަންތައް އެސްއޯއީ ކޮމިޓީއިން ބަލަންފެށީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރި އޮޑިޓަކަށްފަހުއެވެ. އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވާގޮތުން ޓީއެމްއޭއިން އެދޭގޮތަށް އެ ކުންފުންޏަށް ޓަރމިނަލް ކުއްޔަށް ދީފިނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރު ގެއްލުން ލިބޭނެއެވެ.
މިމައްސަލައާ ބެހޭގޮތުން ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ އެކަމުގައި ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމުގައި ނިންމަވާފައިވަނީ އައު ސީޕްލޭން ޓާމިނަލުން ޖާގަ ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމަވާފައިވާގޮތަށް އަކަ މީޓަރެއް 10.35 ޑޮލަރުގެ ރޭޓުން 6400 އަކަ މީޓަރު ދެ އަހަރު ދުވަހަށް ޓީއެމްއޭއަށް ދިނުމަށެވެ. މި ނިންމުން ނިންމާފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.
ކޮމިޓީގެ މުޤައްރިރު މުޙައްމަދު ނާޝިޒު ވިދާޅުވީ ކޮމިޓީން މިކަން ނިންމުމުގައި އޮޓިޓަރޖެނެރަލް ފާހަގަކުރައްވާފައި ކަންތައްތަކަށާއި، ދައުލަތަށް އެންމެ ގެއްލުން ކުޑަވާނެގޮތަކަށް ރިޢާޔަތްކޮށްފައިވާނެކަމަށެވެ.
މާލިއްޔަތުކޮމިޓީގެ އެ ބައްދަވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އައު ޓާމިނަލުން ޓީއެމްއޭއަށް 31000 އަކަ މީޓަރު ދޫކުރަން ނިންމާފައިވަނީ ކުރީގެ ސަރުކާރުންކަމަށެވެ. އަދި އެ ނިންމުން ބަދަކުކުރީ މި ސަރުކާރުންކަމަށާއި އެގޮތަށް ނިންމާފައިވަނީ އެތަނުން ދައުލަތަށް ލިބޭނެ އެންމެ ރަގަޅު އާމްދަނީއެއް ހޯދުމަށްކަމަށެވެ. އައި ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.