މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ބޯޑަށް މެންބަރުން ޢައްޔަނު ކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލައްވައިފިއެވެ.
މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ އެ އޮތޯރިޓީގެ ބޯޑުގެ މެންބަރެއްކަމަށްވާ އަޙްމަދު ފާއިޒް މުޙައްމަދު އިސްތިޢުފާ ދެއްވާފައިވާތީއާއި، އަދި އިތުރު ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ. މީރާގެ ބޯޑުގައި 7 މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ 5 މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. މީރާގެ ބޯޑުގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރުވެސް މިހާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީއަށެވެ.
މިހާރު ބޯޑުގައި ހިމެނެނީ ޗެއާމަން އަޙްމަދު ސަރުވަޝް އާދަމްއާއި ޑެޕިޔުޓީ ޗެއާ ލީނާ މުގައްމަދު ޒާހިރު ހުސައިންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ފަތުހުﷲ ޖަމީލް އާއި އާއިޝަތު އާޝާ އަލީ އަދި ފަސީހް ޒާހިރުގެ އިތުރުން މަހްރޫމް ސަލީމްއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.