ޚަބަރު

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެޗްއާރުސީއެންގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތަތްތަކަށް އަންނަ ހޯމަ އަދި އަންގާރަދުވަހު ފޯމު ހުށައެޅޭނެކަމަށެވެ. އަދި ފޯމް ބަލައިގަތުން އޮންނާނީ އެ ދެ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30އަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ މެމްބަރުންގެ ތެރެއިން ދައުރު ހަމަވަނީ އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އައިމިނަތު އިނާސް އާއި މެމްބަރު ނައިވީން އަބްދުﷲ އާއި މޫސާ އަލީ ކަލޭފާނާއި އައިޝަތު އަފްރީން މުހައްމަދުއެވެ. މި ހުރިހާ މެމްބަރުންވެސް ކޮމިޝަނަށް އައްޔަންކުރައްވާފައިވަނީ 2015 ވަނަ އަހަރުއެވެ.

5 މެމްބަރުން ހިމެނޭ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން މަޤާމުގެ ދައުރު ހަމަނުވެ ދެން ހުންނަވާނެ މެމްބަރަކީ ކޮމިޝަންގެ ނާއިބު މުހައްމަދު ޒާހިދުއެވެ. އެނާ ކޮމިޝަނަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުއެވެ.

އެޗްއާރުސީއެމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މަޖިލީހުން އަންނަނީ އެކޮމިޝަންގެ މައްސަލަތަކެއް ބަލަމުންނެވެ. މި ގޮތުން ކޮމިޝަންގެ މެމްބަރުން ޒިންމާ އަދާނުކުރާއްވާކަމަށް ތުހުމަތުކޮށް މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވަނީ ނިންމާފައެވެ. އަދި ޖަވާބުދާރީވުމަށް މެމްބަރުންނަށް ވަނީ ފުރުސަތުދީފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެކަމަށް އެ އޮފީހުން ވިދާޅުވެއެވެ.