ވިޔަފާރި

މީރާގެ ކައުންޓަރުތައް ހުޅުވާލި ފުރަތަމަ ދުވަހުވެސް 24 މިލިއަން ރުފިޔާ ބަލައިގަނެފި


ފުރަބަންދަށްފަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ކައުންޓަރުތައް ހުޅުވާލުމާއިއެކު ފުރަތަމަ ދުވަހުއެކަނިވެސް 24 މިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް އެ އިދާރާއިން ހާމަކުރައްވައިފިއެވެ.

މީރާގެ ކައުންޓަރުތަކުން އަލުން ޙިދުމަތްދޭން ފަށާފައިވަނީ އިއްޔެއެވެ. ކޯވިޑް19އާ ގުޅިގެން އެ އިދާރާގެ ކައުންޓަރުތައް ބަންދުކޮށްފައިވަނީ އެޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މީރާގެ އެސިސްޓަންޓް ކޮމިޝަނަރ ޖެނެރަލް ރެވެނިއު ސަރވިސް އަޙްމަދު ޝަރީފް ވިދާޅުވީ، ފުރަބަންދަށްފަހު މީރާގެ ކައުންޓަރުތަކުން ޙިދުމަތްދޭން ފެށި ފުރަތަމަ ދުވަހު 400 އެއްހާ މީހުން ޙިދުމަތް ހޯދިކަމަށެވެ. އަދި އޮންލައިންކޮށް ލިބުނު ފައިސާއާއެކު 24 މިލިއަން ރުފިޔާ މިދިޔަ އާދިއްތަ ދުވަހު ބަލައިގަނެފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މި ހަފްތާގައި މީރާގެ ކައުންޓަރުތައް ޙާއްސަކޮށްފައިވަނީ މީރާއިން ބަލައިގަންނަ ޓެކުހަށްނުވާ އެހެނިހެން ފައިސާ ބަލައިގަތުމަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"މިހަފްތާގައި އަޅުގަނޑުމެން ޙާއްސަކޮށްފައި މިއޮތީ ޓެކުހަށް ނުވާ އެހެނިހެން ފައިސާތައް ބަލައިގަތުމަށް. އިއްޔެ 400 ވަރަކަށް ފަރާތައް ޙިދުމަތްދެވިފައިވަނީ. އޮންލައިންކޮށް ލިބުނު ފައިސާއާއިއެކު 24 މިލިއަން ރުފިޔާ ބަލައިގަނެވިފައިވަނީ." އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއްގެ ފައިސާ މީރާއިން މިހާރު އަންނަނީ ބަލައިގަންނަމުންނެވެ. އޭގެތެރޭގައި ވިޔަފާރިތަކާއި ކުންފުނިތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީއާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށާއި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ފައިސާ އާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި ހިމެނެއެވެ. މީގެއިތުރުން އުޅަނދުތަކުގެ އަހަރީ ފީ އާއި ޤަވާއިދާ ޚިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ އާއި ބައެއް ގާނޫނުތަކުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ހިމެނެއެވެ.

މީރާ މެދުވެރިކޮށް އޮންލައިންކޮށް ގިނަ ފީތަކެއް މިހާރު ދެއްކޭނެކަމަށާއި އެހެންކަމުން އޮންލައިން ސަރވިސް ބޭނުންކުރަން ހުރިހާ ކަސްޓަމަރުންގެ ކިބައިން އެ އިދާރާއިން ވަނީ އެދިފައެވެ.

މީރާއަށް ޙިދުމަތް ހޯދަން އަންނައިރު މިހާރު އޮންލައިންކޮށް ޓޯކަންއެއް ނަގަންޖެހެއެވެ. ހިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:15 އިން މެންދުރު 12:00 އަށްކަމަށް މީރާއިން ބުނެއެވެ. ނަންބަރު ދޫކުރާނީ ހަމައެކަނި މީރާ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށެވެ.