ޚަބަރު

އީރާނުގައި ހިނގާ ކޮންމެ ޙާދިޘާއަކާ އިސްރާއީލާ ގުޅުމެއް އޮންނާކަށް ނުޖެހޭ: ގެންޓްޒު


އީރާނުގައި ހިނގާ ކޮންމެ ގޮތް ނޭނގޭ ހާދިޘާއެއްގެ ފަހަތުގައިވަނީ އިސްރާއީލު ނޫންކަމަށް އެ ޤައުމުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގައި އީރާނުގެ ނަތަންޒުގައި ހުންނަ ނިއުކްލިއަރ މަސައްކަތްކުރާ މަރުކަޒެއްގައި އަލިފާނުގެ ހާދިޘާއެއް ހިނގުމުން އީރާނުންވަނީ އެއީ އިސްރާއީލުން ދިން ސައިބަރ ޙަމަލާއެއްކަމަށް ތުހުމަތުކޮށްފައެވެ. ބިމުއަޑީގައި ޤާއިމްކޮށްފައި ހުންނަ ނަތަންޒު ނިއުކުލިއަރ މަޒުކަޒުގައި ހުންނަ އެއް ފަންގިފިލާގެ އިމާރާތެއްގައިވަނީ އަލިފާނުގެ ހާދިޘާއެއް ހިނގާފައެވެ. އެއީ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ، އައިއޭއީއޭގެ ބެލުމުގެ ދަށުން އީރާނުގެ ޔުރޭނިއަމް ފައްކާކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދާ މައި މަރުކަޒެވެ.

އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކުގައި ހިނގާ ގޮތް ނޭނގޭ ގޮވުންތަކާ އިސްރާއީލާ އެއްވެސް ގުޅުމެއްވޭތޯ ސުވާލުކުރުމުން އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒު ވިދާޅުވީ އީރާނުގައި ހިނގާ ކޮންމެ ހާދިޘާއަކީ އިސްރާއީލާ ގުޅުމެއް އޮންނަ ހާދިޘާއަކަށް ވާންނުޖެހޭކަމަށެވެ. އޭނާ ވިދާޅުވީ ނިއުކްލިއަރ މަރުކަޒުތަކުގައި ބޭނުންކުރާ ނިޒާމުތަކަކީ ވަރަށް އުނދަގޫ ނިޒާމުތަކެއްކަމަށާއި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭ ނިޒާމުތަކެއްކަމަށެވެ. އެ ކަންކަން އެންމެ އެދެވޭގޮތަކަށް ކުރިއަށް ގެންދިއުމަށް އީރާނަށް އެނގޭކަން ޔަޤީންނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއާއި އިސްރާއީލުން އުފައްދާފައިވާ ކޮމްޕިއުޓަރު ވައިރަހެއްގެ ގޮތުގައި އަޑުފެތުރިފައިވާ ސުޓަކްސްނެޓު ބޭނުންކޮށްގެން ނަތަންޒަށް 2010ވަނަ އަހަރުވަނީ ޙަމަލާއެއް ދީފައެވެ. އިސްރާއީލުގެ ފެނާބެހޭ ވަޒީރު ޒީވު އެލުކިންވަނީ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އިސްރާއީލުގެ ފެނުގެ ނިޒާމަށް އީރާނުން ސައިބަރ ޙަމަލާއެއް ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކޮށްފައެވެ.

އީރާނުގައި ނިއުކުލިއަރ ހަތިޔާރު އުފެއްދުމުގެ މަސައްކަތްތައްވަނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަޤުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލެއްގެ ގޮތުގައި މަދުކޮށްފައެވެ. ނަމަވެސް ދުނިޔޭގެ އެންމެ ނުފޫޒުގަދަ 6 ޤައުމާއެކު 2015ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުން އެމެރިކާ ވަކިވުމުން އީރާނުން އެ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ޢަމަލުކުރުންވަނީ ހުއްޓާލައިފައެވެ.