ޚަބަރު

ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ގިނަ ތުހުމަތުތަކެއް


ބ. ބޮޑުފިނޮޅުގައި ބިދޭސީން މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާގައި އެ މުވައްޒަފުން ގެންގުޅޭ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުންކޮށްފިއެވެ.

ބޮޑުފިނޮޅުގައި ރިސޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުވެފައިވާ ރިޒް ކުންފުންޏަކީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވަންދެން މަސައްކަތްކުރުމުން އެކަމާއި ދެކޮޅަށް ހަމަނުޖެހުން ހިންގާ ދިވެހިންގެ ބަޔަކު ރަހީނުކޮށް އެތައް މުދަލަކަށް ބިދޭސީން ވަނީ ގެއްލުންދީފައެވެ. ބިދޭސީން ރަހީނުކުރި ދިވެހިން ސަލާމަތްކޮށް ބިދޭސީން ހައްޔަރުކޮށްފައިވަނީ މާލެއިން ދިޔަ ފުލުހުންގެ ޓީމަކުން މިދިޔަ ހުކުރުދުވަހުއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގާ މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ތުހުމަތުކުރެވޭކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލުވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކޮށްފައެވެ.

އޭގެ އިތުރުން، ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ގާނޫނާ ހިލާފު މަޖުބޫރުކޮށްގެން މަސައްކަތް ކުރުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއް ވަންދެން ރިޒް ކުންފުނިން މަސައްކަތްކުރުވާފައިވާކަމަށްވެސް ފުލުހުން ތުހުމަތުކުރެއެވެ.

މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާކަމަށްވެސް ރިޒް ކުންފުނީގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާދީފައެވެ. މި މީހުން ބަންދުގެ މަޖިލީހުގައި ވާހަކަދައްކަމުން ބުނެފައިވަނީ މުސާރަ ދިނުމަށް އެދުމުން ބަޔަކު މީހުން ރަށަށް އަރަުވާ މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށެވެ.

ބޮޑު ފިނޮޅަކީ ސީލް މޯލްޑިވްސް އިން ތަރައްޤީކުރަމުން އަންނަ ރިސޯޓްކެވެ. އެރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރިޒް ޕްރައިވެޓް ލިމިޓެޑާއިއެވެ. މުސާރައިގެ މައްސަލާގައި މުސާރަ ނުދެވުނީ ފައިސާ ނެތިގެންކަމަށް ފުރަތަމަ ބުނި ނަމަވެސް އެ ކުންފުނީގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސައްކަތް ކުރާ މުވައްޒަފުންނަނަށް މުސާރަ ދިނުމަކީ ސީލް މޯލްޑިވްސްގެ ކުރަންޖެހޭ ކަމެއްކަމަށެވެ. މި ވާހަކަތަކަށް ރައްދުދީ ސީލް މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒް ކުންފުންޏަށް ފައިސާ ނުދޭކަމަށް ބުނާ ބުނުމަކީ ދޮގެއްކަމަށެވެ. އަދި އެއްބަސްވުމުގެ އިތުރަށްވެސް ފައިސާދީފައިވާކަމަށް ސީލް މޯލްޑިވްސް އިން ބުނެއެވެ.

ބޮޑު ފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް މުސާރަ ނުދޭތާ އެތައް މަހެއްވެފައިވާކަމަށް އެމީހުން ބުނާއިރު އެރަށުގައި މަސައްކަތްކުރާ ދިވެހިންވެސް ބުނަނީ އެމީހުނަށްވެސް މުސާރަ ނުދޭތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.