ކޯވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އޮސްޓްރޭލިޔާގެ ދެ ސްޓޭޓެއްކަމަށްވާ ވިކްޓޯރިޔާއާއި ނިއު ސައުތު ވޭލްސްގެ ސަރަޙައްދީ ރޮނގުތައް ބަނދުކޮށްފިއެވެ. އެއީ ފާއިތުވި 100 އަހަރުގެ ތެރޭގައި އެ ދެ ސްޓޭޓުގެ ސަރަޙައްދީ ރޮނގު ބަންދު ކުރި ފުރަތަމަ ފަހަރެވެ.
ވިކްޓޯރިޔާ ސުޓޭޓުގެ މައި ސިޓީކަމަށްވާ މެލްބަނުގައި ކޯވިޑް-19 ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވުމުގެ ސަބަބުން އެހެން ސަރަޙައްދުތަކަށް ބަލި ފެތުރުނަނުދިނުމަށް އެ ޤައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ އާބާދީ ބޮޑު ދެ ސްޓޭޓުކަމަށްވާ ވިކްޓޯރިޔާއާއި ނިއު ސައުތު ވޭލްސްގެ ސަރަޙައްދީ ރޮނގުތައްވަނީ ބަންދުކޮށްފައެވެ. އެންމެ ފަހުން ދެ ސްޓޭޓުގެ ދެމެދުގައި ދަތުރުކުރުން މަނާކުރީ 1919ވަނަ އަހަރު ސްޕެނިޝް ފުލޫ ފެތުރުނު ދުވަސްވަރެވެ. ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވާނެ ތާރީޚެއް ނޭނގެއެވެ. ޤަވާއިދާ ޚިލާފަށް ސަރަޙައްދީ ރޮނގުތައް ހުރަސްކުރުން ހުއްޓުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ޙަރަކާތްތެރިވާނެކަމަށްވަނީ އިޢުލާނުކޮށްފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ޖެހިފައިވާ 127 މީހުންވަނީ މެލްބަނުން ފެނިފައެވެ. އެއީ އެއް ދުވަސް ތެރޭގައި އެ ސިޓީގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ފަހަރެވެ. މެލްބަނުގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމުން ގައިދުރުކަމުގެ ހަރުކަށި ފިޔަވަޅުތަކަށް އެ ސިޓީގެ 30 އަވަށެއްގައިވަނީ ޢަމަލުކުރަން ފަށައިފައެވެ. ޢާންމުން ދިރިއުޅޭ 9 ޓަވަރެއްވެސްވަނީ ވަދެ ނުކުމެނޫޅެވޭ ގޮތަށް ބަންދުކޮށްފައެވެ.
ވިކްޓޯރިޔާގެ ޕްރެމިއަރ ޑެނިއަލް އެންޑްރޫސް ވިދާޅުވީ ސަރަޙައްދީ ރޮނގުތައް ބަންދުކުރަން ނިންމި ނިންމުމަކީ ރަނގަޅު ފިޔަވަޅެއްކަމަށެވެ. ނަމަވެސް އޮސްޓްރޭލިޔާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް އޭގެ ސަބަބުން ބުރޫއަރާނެކަމަށް ބެލެވެއެވެ. ފާއިތުވި 30 އަހަރުގެ ތެރޭގައި ކުރިމަތިނުވާވަރުގެ އިޤްތިޞާދީ ދަތިކަމަކާ ކުރިއަށްއޮތް ދުވަސްތަކުގައި އެ ޤައުމުން ކުރިމަތިލާންޖެހޭނެކަމަށް ބެލެވެއެވެ.