ޚަބަރު

ތާޖު މަހަލު ހުޅުވުން ފަސްކޮށްފި


ފަތުރުވެރިންގެ މެދުގައި އެންމެ މަޤުބޫލު އެއް ބިނާކަމަށްވާ އިންޑިޔާގެ އާގުރާގައި ހުންނަ ތާޖު މަހަލު އަލުން ހުޅުވުން ފަސްކޮށްފިއެވެ.

އިންޑިޔާގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުން މާރިޗު މަހުގައި އެ ޤައުމުވަނީ ފުރަބަންދުކޮށްފައެވެ. އެއާއެކު ފަތުރުވެރިންގެ މެދުގައި މަޤުބޫލު ބިނާތައްވެސްވަނީ ބަންދުކޮށްފައެވެ. ޖުލައި މަހުގެ 6ވަނަ ދުވަހުން ފެށިގެން ޚާއްޞަ ފިޔަވަޅުތަކަކާއެކު ތާޖު މަހަލު އަލުން ހުޅުވަން އިންޑިޔާގެ ސަރުކާރުން ދިޔައީ މަސައްކަތްކުރަމުންނެވެ. ނަމަވެސް އަގުރާއިންވަނީ އެ ސަރަޙައްދުގައި ހުންނަ ބިނާތައް ހުޅުވުން ފަސްކޮށްފައިވާކަމަށް އިޢުލާނުކޮށްފައެވެ. އެ ސިޓީން ބުނީ އެ ނިންމުން ނިންމާފައިވަނީ ޢާންމުންގެ ސަލާމަތަށް ވިސްނާފައިކަމަށެވެ. އަގުރާގެ ޚާއްޞަ ބިނާތައް މިވަގުތު ހުޅުވުމަކީ އެންމެ އެދެވޭކަމެއް ނޫންކަމަށް ނިންމާފައިވާކަމަށް އެ ސިޓީންވަނީ ބުނެފައެވެ.

ތާޖު މަހަލު ހުންނަ އަގުރާއަކީ އިންޑިޔާގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރުނު އެއް ސަރަޙައްދެވެ. އެ ޤައުމުގެ އެންމެ އާބާދީ ބޮޑު އުއްތަރު ޕްރަދޭޝް ސްޓޭޓުގައި ބަލީގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ސަރަޙައްދުގެ ގޮތުގައި އަދިވެސް އޮތީ އަގުރާގައެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިންޑިޔާއަށެވެ. އެ ޤައުމުގައި މިހާތަނަށް 698،233 މީހުންނަށް ބަލި ޖެހި، 19،703 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 23،932 މީހުންނަށް ބަލި ޖެހި، 421 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށްވަނީ ކޮންމެވެސް ވަރަކަށް ލުއިތަކެއް ދޭން ފަށައިފައެވެ. ނަމަވެސް ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުތައް އަދިވެސް އޮތީ މެދުކަނޑައިލައިފައެވެ. އެތެރޭގެ ދަތުރުތައް ފެށުމުން ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަޙައްދުތަކަށް ދަތުރުކުރާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް އެ ޤައުމުގެ ސަރުކާރުން އުންމީދުކުރެއެވެ.