ޚަބަރު

ހައްޖުގެ އަޅުކަމުގައި ގެފުޅުގައި ބީހުމާއި ބޮސްދިނުން މަނާ


މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން އަޅައި ޚާއްޞަ ފިޔަވަޅުތައް އިޢުލާނުކޮށްފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިނުވެވޭނެކަމަށް ސައުދީ ޢަރަބިއްޔާއިންވަނީ ނިންމައިފައެވެ. މި އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ މީހުންނަށެވެ. އޭގެ ތެރޭގައި އެ ޤައުމުގެ ރައްޔިތުންނާއި އެ ޤައުމުގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. އެއީ ފަހުގެ ތާރީޚެއްގައި ބޭރު ޤައުމުތަކުން ދަތުރުކުރާ ޙައްޖުވެރިންނަށް އަޅުކަމުގައި ބައިވެރިނުވެވޭނެކަމަށް ނިންމި ފުރަތަމަ ފަހަރެވެ. ކޮންމެ އަހަރަކުވެސް 2 މިލިޔަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މި އަހަރު ބައިވެރިވެވޭނީ އެންމެ 1،000 މީހުންނަށެވެ.

ސަޢުދީ ޢަރަބިއްޔާގެ ސެންޓަރ ފޮރ ޑިޒީސް ޕްރިވެންޝަން އެންޑު ކޮންޓްރޯލުން އިޢުލާނުކުރި ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކުގެ ދަށުން މާތްވެގެންވާ ގެފުޅުގައި ބީހުމާއި ބޮސްދިނުން މަނާވާނެއެވެ. ކޮންމެ ޙައްޖުވެރިއެއްގެ ދެމެދުގައި ދޮޅު މީޓަރުގެ ދުރުމިނެއް ހުރިހާ ވަގުތެއްގައިވެސް ބަހައްޓަން ޖެހޭނެއެވެ. އެގޮތުން ޖަމާޢަތުގައި ނަމާދުކުރާ ވަގުތުތަކާއި ޠަވާފުކުރާ ވަގުތުތަކުގައި ޙައްޖުވެރިންގެ ދެމެދުގައި އެ ދުރުމިން ބަހައްޓަންޖެހޭނެއެވެ. އޭގެ އިތުރުން، ޖުލައި މަހުގެ 19ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 2ވަނަ ދުވަހާ ހަމައަށް މިނާއާއި މުޒްދަލިފާއާއި ޢަރަފާތު ބިމަށް ވަދެވޭނީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންނަށް އެކަންޏެވެ. ޙައްޖުވެރިންނާއި ޙައްޖުގެ ކަންކަން އިންތިޒާމުކުރާ ފަރާތްތަކުން ހުރިހާ ވަގުތެއްގައި މާސްކު އަޅަން ލާޒިމުވާނެއެވެ.

ސައުދީ ޢަރަބިއްޔާގައި މިހާތަނަށް 209،509 މީހުންނަށް ކޯވިޑް-19 ޖެހި، 1،916 މީހުންވަނީ މަރުވެފައެވެ.