ރައީސް ނަޝީދުގެ ސަރުކާގެ ދުވަސް ވަރު ކުރިޔަށް ގެންދިޔަ ގުޅިފަޅު މަޝްރޫގައި ފްލެޓް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށާއި، އަދި އެފަރާތްތަކުން އެދޭނަމަ ހިޔާ މަޝްރޫއުގެ ތެރެެއިން ފްލެޓް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވެވި ބައްދަލު ކުރެއްވުމުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމެވެ.
2010 ވަނަ އަހަރު އިއުލާނު ކުރި ގުޅިފަޅު މަޝްރޫއުގެ ތެރެއިން، ފްލެޓް ގަތުމަށް 140 ފަރާތަކުން ފައިސާ ދައްކާފައިވެއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެމީހުންނަށް ފްލެޓްވެސް އަދި ދެއްކި ފައިސާވެސް އަނބުރާ ލިބިފައެއް ނުވެއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ގުޅިފަޅުން ފްލެޓްގަތް ބައެއް މީހުން، ޑައުންޕޭމެންޓްވެސް އަދި އެއަަށްވުރެ އިތުރަށްވެސް ފައިސާ ދައްކާފައި ވާކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން ގުޅިފަޅުން ފްލެޓް ލިބުނު ފަރާތްތަކަށް ބޯހިޔާވަހިކަމާއި ގެއްލުމުގެ ބަދަލު ދިނުމަށް ސަރުކާރުން ނިންމަވާފައި ވާއިރު، ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ބޭނުން ނުވާ ފަރާތްތަކަށް ފްލެޓް ދޭން ވަނީ ނިންމާފައެވެ، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2020 ޑިސެމްބަރު މަހާއި ހަމައަށް އެފަރާތްތަކުން ކުއްޔަށް ދިރިއުޅެން ހޭދަކުރި ފައިސާއަށް ބަލައި މަހަކު، 12000 ރުފިޔާގެ ރޭޓުން، 3 އަހަަރަށް، 432000ރ (ހަތަރުލައްކަ ބައްތިރީސްހާސް ރުފިޔާ) ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ވަނީ ނިންމާފައެވެ.
އެހެން ނަމަވެސް ހިޔާ މަޝްރޫގެ ތެރެއިން ފްލެޓް ބޭނުންވާ އަދި ސަރުކާރުގެ އެހެން މަޝްރޫއެއްގެ ތެރެއިން 3 ކޮޓަރީގެ ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށް 2020 ޑިސެމްބަރު މަހުގެ ފަހުން އިތުރަށް ހިނގާ މުއްދަތަށް ފައިސާއެެއް ނުދޭނެ ކަމުގައިވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަދި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން 3 ކޮޓަރީގެ ތަންތަން ގަންނަން ބޭނުންވެގެން ހިޔާފްލެޓްތައް ގަތުމުގެ ފުރުޞަތު ދޫކޮށްލާ ފަރާތްތަކަށް އެފުރުޞަތު ނުދެވިއްޖެނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުއްޔަށް މަހަކު 12000 ރުފިޔާގެ މަގުން ފައިސާ ދޭނެ ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވަނީ ސަރުކާރުން މިމައްސަލަ ހައްލު ކުރުމަށް އެފަރާތްތަކަށްދޭނެ ފުރުޞަތުތައް ހާމަކުރައްވާފައެވެ.
ގުޅިފަޅުން ފްލެޓްގަތް ފަރާތްތަކަށް ބޯހިޔާވަހިކަން ދޭނޭ ގޮތްތައް މިދިޔަ 10 އަހަރުގެ ތެރޭގައި ކޮންމެ ސަރުކާރަކުންވެސް ހާމަކޮށްފައި ވެއެވެ. އެހެން ނަަމަވެސް އެފަރާތްތަކަށް ފްލެޓްވެސް ފައިސާވެސް ލިބިފައި ނުވުމުގެ ޝަކުވާތައް އެފަރާތްތަކުން އަންނަނީ ކުރަމުންނެވެ.