ޚަބަރު

ހިޔާ މަޝްރޫޢު ފްލެޓުގެ އަގު 7000 އަށްވުރެ ތިރީގައި ހިފަހައްޓާނަން: ސަރުކާރު


ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ އަގު ހަތްހާސް ރުފިޔާއަށްވުރެ ދަށުގައި ހިފަހައްޓަވާދެއްވާނެ ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިން އެންޑް އިންފްރަސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފިނިޝިން އާއި އެކު ހިޔާފުލެޓްގެ މަހު ކުލި 11000 ރުފިޔާއަށް އަރާނެ ކަމަށް ސަރުކާރުން ކުރިން ހާމަކޮށްފައިވާތީ، ނޫސްވެރިއަކު ކުރިސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ސަރުކާރުން ވަޢުދުވެފައިވާ މިންވަރުގެތެރޭގައި ފްލެޓުގެ އަގު ހިފަހައްޓަވާދެއްވާނެކަމަށެވެ. އެގޮތުން އެމިންވަރަކީ ހަތްހާސް ރުފިޔާއަށްވުރެ ދަށް ޢަދަދެއްކަމަށެވެ. އަދި ފިނިޝިންގއާއި ނުލައި ހިޔާފުލެޓްތައް ދޭނީ 11000 ރުފިޔާއަށް ކަމުގައި ސަރުކާރުން މިހާތަނަށް ނިންމަވާފައި ނުވާކަމުގައިވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"ހިޔާ މަޝްރޫއުއަށް ސަރުކާރުން ވައުދުވެފައިވާ މިންވަރުގެ ތެރޭގައި ސަރުކާރުން ހިފަހައްޓަދޭނެ. އެއީ 7000 ރުފިޔާއަށްވުރެ ތިރިން ހިފަހައްޓަދޭނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ނުވަލައްކަ ފަސްދޮޅަސް ފަސްހާސްރުފިޔާގެ ލޯނެއް ދިވެހި ދައުލަތުން ނަގާފައިވާއިރު އެލޯނާއެކު ދައްކަންޖެހޭ އިންޓްރެސްޓް ރޭޓާއެކު އަރާ މިންވަރު ދިހަހާސް ރުފިޔާއަށްވުރެ މަތީގައި އުޅެކަމަށެވެ. އެހެންނަމަވެސް އެޢަދަދު ތިރިކޮށް ރައްޔިތުންނަށް ލުއިކޮށްދިނުމުގެގޮތުން ފްލެޓުތަކުގެ އަގު ތިރިކޮށްފައިވާކަމަށެވެ. ފްލެޓުތަކުގެ ކުލި ދައްކާ ނިންމަންޖެހޭކަމަށް ކަނޑައަޅާފައިވަނީ 20 އަހަރުގެތެރޭގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ގޮތުގައި ކުރީ ސަރުކާރުން ޢިއުލާންކުރި އެޕާޓްމަންޓުތަކުގެ މަސައްކަތްކޮށްފައިނުވާކަމަށެވެ.

"އަށާރައަހަރާއި ސާޅީސް އަހަރާއި ދެމެދުގެ ކެޓަގަރީއާއި މާލޭ ރައްވެހިން، ދަފްތަރުގައި ރަޖިސްޓަރ ވެފައިވާ ފަރާތްތައް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، އަލަތުކައިވެނިކުރާ ފަރާތްތަކުގެ ކެޓަގަރީއަށް ދޭން ބުނި އެއް ރޫމްގެ އެޕާޓްމަންޓްތަކުގެ މަސައްކަތްތަކެއްކޮށްފައި ނެތްކަން އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ހިޔާ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރީ ސަރުކާރުން ފެއްޓެވި އެންމެ ބިޔަ މަޝްރޫއެވެ. އެހެންނަމަވެސް އެސަރުކާރު ނިމި އާސަރުކާރާއި ހަވާލުވިއިރު ފްލެޓުތަކާއި ގުޅިގެން ގިނަ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. ފްލެޓުތައް ނުދެވި ގިނަ ދުވަސްތަކެއް ވަމުންދާތީ ޢާއްމުން އަންނަނީ އެކަމުގެ ޝަކުވާތައްވެސް ކުރަމުންނެވެ.