ޚަބަރު

ދިރިއުޅެން އެކަށީގެންނުވާ ތަންތާނގައި 21000 ޢާއިލާ ދިރިއުޅޭ: ހައުސިންގ މިނިސްޓަރ


ދިރިއުޅެން އެކަށީގެން ނުވާ ތަންތާނގައި މާލޭގައި އެކާވީސްހާސް ޢާއިލާ ދިރިއުޅެމުން އަންނަ ކަމަށް މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ މިފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.

ހައުސިންގ މަޝްރޫޢުތަކުގެ މަޢުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކުގެތެރެއިން ވަގުތުން ވަގުތަށް ހައްލުބޭނުންވާ ފަރާތްތައް ތިބިކަމަށެވެ. އެގޮތުން ދިރިއުޅެން ކަމުނުދާ ފެންވަރުގައި ހުރި ތަންތަނުގައި ދިރިއުޅެމުންދާ އެކާވީސްހާސް ޢާއިލާއެއް ތިބިކަން މިނިސްޓަރވަނީީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ ދިރިއުޅެން ކަމުނުދާ މިންގަނޑުގެ ގޮތުގައި ފާހަގަކުރަނީ ހަސަތޭކަ އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއްގައި ޢާއިލާއެއް ދިރިއުޅޭނަމައެވެ.

"ދިރިއުޅެން ކަމުނުދާ އިން އެޑިކުއޭޓް ހައުސިންގައި މާލޭގެ އެކާވީސްހާސް ޢާއިލާ އެބަދިރިއުޅޭ. އެއީ 600 އަކަފޫޓަށްވުރެ ކުޑަ ތަންކޮޅެއްގައި އުޅޭ ފަރާތްތައް. އެޑިކުއޭޓް ހައުސިންގކަމަށް އަޅުގަނޑުމެން މިބަލަނީ ޢާއިލާއެއް ދިރިއުޅޭ ތަނުގައި 600 އަކަފޫޓަށްވުރެ ބޮޑުވާނަމަ. މިދަންނަވަނީ ބިމުގެ ސްޕޭސްއެއް ނޫން. އެއީ އުޅޭ ފްލޯ ސްޕޭސް އެވަރުވާންޖެހޭނެ." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ ކުރީ ސަރުކާރުން ފެށްޓެވި ބިޔަ ހައުސިންގ ޕްރޮޖެކްޓްކަމުގައިވާ ހިޔާ މަޝްރޫޢުގައި ހިމެނެނީ 675 އަކަފޫޓުގެ ތަންތަންކަމަށެވެ. މިއީ މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްޓޭންޑަޑަށްވުރެ ދަށުގައިވާ ތަންތަނުގެ ގޮތުގައި ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމުގައި މިސަރުކާރަށް ކުރެވޭނެ ކަމެއް ނެތްކަމަށެވެ. އެހެންނަމަވެސް ދިރިއުޅެން ކަމުނުދާ ފެންވަރުގައި ހުރި ތަންތަނުގައި ދިރިއުޅެމުންދާ އެކާވީސްހާސް ޢާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

"އެއީ ކޮންމެހެން އަލަށްފަށާ މަޝްރޫޢެއްގެ ވާހަކައެއްވެސް ނޫން. މިއަދުގެ ހާލަތުގައި ނުދެވިތިބި ޢާއިލާތަަށް ކޮންމެ ފަހަރެއްގައި ފަށާފައިވީނަމަވެސް އަޅުގަނޑުމެންގެ ޓާގެޓަކީ މިދެންނެވި ޢާއިލާތައް ގެދޮރުވެރިކުރުވުން." މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި މިނިސްޓަރ އަސްލަމްވަނީ މާލޭގެ އާބާދީގެ ފުދުންތެރިކަމާއި ގުޅޭ ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން ބޯހިޔާވަހިކަން ބިނާވެފައި އޮންނަނީ ފުދުންތެރިކަމުގެ މައްޗަށްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މާލޭގެ އާބާދީގެ 15 އިންސައްތައަކީ ފަގީރުންކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް ބޮލަކަށް 75 ރުފިޔާ ނުޖެހޭ ފަރާތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ތިންހާހަށްވުރެ ގިނަ ޢާއިލާކަންވެސް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި ކިރިޔާ ފުދޭވަރެއްގެ ޢާމްދަނީ ލިބޭ ފަރާތްތަކުގެ ގޮތުގައި 24 އިންސައްތަ ޢާއިލާ އަދި މެދުފަންތީގެ ގޮތުގައި 33 އިންސައްތަ ޢާއިލާ ދިރިއުޅެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެތެރެއިން ތަނަވަސް ޢާއިލާތަކުގެ ގޮތުގައި ހިމެނެނީ އާބާދީގެ 28 އިންސައްތަކަމަށެވެ.

ހަސަނު

ގާނޫނީ ސަރުކާރަކުން ފުލެޓްތައް ލިބި ލިއުން ހަވާލުކޮށްފި ތިބި މީހުންނަށް ދޭންޖެހޭނެއެވެ. ކުރީސަރުކާން ބުނި ހަވާލުކުރާއިރު ވެރިފައިކުރާނަމޯ.

ނިކަމެތި މާލޭ ރައްޔިތުމީހާ

ހިޔާ ފްލެޓުތައް އެއީ ދިރިއުޅެން އެކަށީގެންވާ ތަންތަންތޯ؟