ޚަބަރު

މަޖިލީހަށް ވަޑައިނުގަނެވުނީތީ މެމްބަރު ޝިޔާމް މަޢާފަށް އެެދިވަޑައިގެންފި


އެއްމަސް ދުވަހަށް މަޖިލިސް ބޮއިކޮޓްކޮށްގެން ތިއްބެވުމަށްފަހު މިއަދުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަނުން ބައިވެރިވެއްޖެއެވެ.

މިއަދުގެ ޖަލްސާއަށް އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަޑައިގެންފައިވާއިރު، މިއަދު ޖަލްސާގައި އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ކުރިއަށް ގެންގޮސްފައި ވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެއްޅުއްވި މައްސަލައެކެވެ. އިދިކޮޅުން މަޖިލިސް ބޮއިކޮޓްކުރުމުގައިވެސް އެންމެބޮޑު ސަބަބެއްކަމަށް މެދުވެރިވި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މިމައްސަލަޔަކީ ހިޔާ ފްލެޓްތަކުގެ ހައްގުވެރިންނަށް އެތަންތަން ނުދީ ލަސްވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ހުށަހަޅާފައިވާ މައްސަލައެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވެމުގެ ކުރިން ނައިފަރު ދާއިރާގެ މެމްބަރުވަނީ މަޖިލީހަށް ފާއިތުވެދިޔަ 5 ހަފްތާގެ ތެރޭގައި މަޖިލީހަށް ވަޑައިނުގަނެވުނު ކަމަށްޓަކައި ރައްޔިތުންގެ ކިބައިންނާއި، އޭނާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ. އިދިކޮޅު މެމްބަރުން ޖަލްސާއަށް ވަޑައިގަތުމާއި ގުޅިގެން މަޖިލިސް ރައީސް ވަނީ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލިސް ވަރަށް ޚުދުމުޚުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިންގަވަމުން ގެންދެވުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާތީކަމަށް އެކޯލިޝަނުން ބުނެއެވެ.

އިދިކޮޅުން މަޖިލިސް ބޮއިކޮޓް ކޮށްފައިވަނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ މަހުގެ 2 ވަނަދުވަހުގެރޭ ދަންވަރު ބޭއްވި ޖަލްސާ ހޫނުވެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް މަޖިލީހުން ނެރެން ކުރި މަސައްކަތުގައި ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިނގިކަމަށް ބުނެއެވެ. އަދި އިދިކޮޅު މެމްބަރުންނަށް މަޖލީހުގައި ރައްކާތެރިކަން ނެތްކަމަށްވެސް ވަނީ ބުނެފައެވެ.