ޚަބަރު

އަލްމަރްހޫމް ޢަބްދުﷲ ހަމީދުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަލްއުސްތާޛު
ޢަބްދުﷲ ޙަމީދު އަވަހާރަވުމާ ގުޅިގެން މާދަމާ ރައްޔިތުންގެ މަޖިލީހުގައި
ތަޢުޒިޔާގެ ދަފްތަރެއް ހުޅުވާލާނެއެވެ. 

މާދަމާ ހެނދުނު ދިހައަކުން ހަވީރު ފަހެއް
ޖަހަންދެން މި ދަފްތަރުގައި ކޮންމެ ބޭފުޅަކަށްވެސް ތަޢުޒިޔާގެ މެސެޖް ލިއުމުގެ
ފުރުޞަތު އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލުމާތުދެއެވެ. އަދި
އަންނަ އާދިއްތަ ދުވަހުވެސް ހަމަ އެގަޑީގައި މި ދަފްތަރު ހުޅުވާލާފައި އޮންނާނެ
ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ. 

މަރުޙޫމް ޢަބްދުﷲ ޙަމީދަކީ ރައްޔިތުންގެ
މަޖިލީހުގެ ރައީސްކަން ތޭރަ އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 14 ފެބުރުވަރީ 1988
އިން 22 ފެބުރުވަރީ 1990 އަށް، އަދި 11 ނޮވެންބަރު 1993 އިން 13 ސެޕްޓެމްބަރު 2004
އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވެއެވެ. އަދި، 26 ފެބުރުވަރީ 1982 އިން
14 ފެބުރުވަރީ 1988 އަށް، އަދި 20 މާރިޗު 1990 އިން 11 ނޮވެމްބަރު 1993 އަށް
އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައެވެ.

މަރުޙޫމް ޢަބްދުﷲ ޙަމީދު މަޖިލީހުގެ އެކި ދާއިރާތަކުގެ
މެމްބަރުކަންވެސް ކުރައްވާފައިވެއެވެ. އެމަނިކުފާނު ވަނީ މާލެ އަތޮޅު މެމްބަރުކަމާއި، މާޅޮސްމަޑުލު ދެކުނުބުރި މެމްބަރުކަމާއި، ފ.
އަތޮޅު މެމްބަރުކަމާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަންވެސް ކުރައްވާފައެވެ. މީގެއިތުރުން ރައްޔިތުންގެ
ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، އެމަޖިލީހުގެ މެމްބަރުކަންވެސް އެމަނިކުފާނު
ކުރައްވާފައިވެއެވެ.