ޚަބަރު

ބޮއިކޮޓް ދޫކޮށްލާ އިދިކޮޅު މެމްބަރުން މަދާމާ މަޖިލީހަށް ނުކުންނަނީ


އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކުރުން ނިންމާލާ މާދަމާއިން ފެށިގެން ޖަލްސާތަކުގައި ބައިވެރިވުމަށް ނިންމައިފިއެވެ.

އިދިކޮޅުން މަޖިލިސް ބޮއިކޮޓް ކޮށްފައިވަނީ ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިދިޔަ މަހުގެ 2 ވަނަދުވަހުގެރޭ ދަންވަރު ބޭއްވި ޖަލްސާ ހޫނުވެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް މަޖިލީހުން ނެރެން ކުރި މަސައްކަތުގައި ޝިޔާމަށް އަނިޔާކޮށް މާރާމާރީ ހިނގިކަމަށް ބުނެއެވެ. އަދި އިދިކޮޅު މެމްބަރުންނަށް މަޖލީހުގައި ރައްކާތެރިކަން ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި ކޯލިޝަންގެ މެމްބަރުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކި ފަހަރު މަތިން އެދުމުންވެސް މަޖިލީހުގެ ރައީސް އެކަމަށް ދެއްވީ ބީރު ކަންފަތެއްކަމަށެވެ.

މަޖިލިސް ބޮއިކޮޓްކުރުން ނިންމާ ޖަލްސާތަކަށް މާދަމާއިން ފެށިގެން ނުކުންނަން ނިންމީ ރައްޔިތުން ކަންބޮޑުވާ މައްސަލަތަކެއް މަޖިލީހަށް ހުށައަޅާފައިވާތީ ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ހުރުމުންކަމަށެވެ.

" ރައްޔިތުންގެ މަޖިލިސް ވަރަށް ޚުދުމުޚުތާރުކޮށް، މަޖިލިސްގެ ރައީސް ބޭނުންފުޅުވާ ގޮތަކަށް ހިންގަވަމުން ގެންދިއުމާއި، އަދި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް މަޖިލީހަށް ހުށައެޅިފައިވުމާއި، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލަންޖެހޭ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވީހިނދު، މިކޯލިޝަންގެ މެމްބަރުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުވާނެ ކަމުގެ ޔަޤީންކަން ނެތްނަމަވެސް، މާދަމާއިން ފެށިގެން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމަށް ޕޮއިންޓް ޕާލިމެންޓަރީ ގްރޫޕާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމަށް މަޖިލީހުގެ ތަޅުމުގައި އަނިޔާކުރިކަމަށް ބުނާ މައްސަލަ އިންޓަރ ޕާލިމެންޓްރީ ޔޫނިއަން އިން ބަލަމުން އަންނަކަމަށް ޕީޕީއެމުން ބުނެއެވެ. އަދި އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤުކުރަމުން އަންނަކަމަށް އަންގާފައިވާކަމަށް ފުލުހުން ބުނެއެވެ.

އިދިކޮޅު ކޯލިޝަނުން މަޖިލީހުގައި ތަމްސީލުކުރަނީ 9 މެމްބަރުންނެވެ، އެއީ ޕީޕީއެމްގެ 6 މެމްބަރުންނާއި ޕީއެންސީގެ 3 މެމްބަރުންނެވެ.