ޚަބަރު

ޖައިލަމްގެ މަރުގެ މައްސަލަ ބެލުމަށް 3 ފަނޑިޔާރުންގެ ބެންޗެއް


ހ. ހަންޑްރެޑް ފްލާވާރ ޖައިލަމް އަހުމަދު ޝާކިރުގެ
މަރުގެ މައްސަލަ ބެއްލެވުމަށް ކްރިމިނަލް ކޯޓުން ތިން ފަނޑިޔާރުންގެ ބެންޗެއް
އެކުލަވާލައްވައިފިއެވެ. 

ކްރިމިނަލް ކޯޓަށް ހުށައެޅޭ މައްސަލަތައް ބެއްލެވުމަށް ބެންޗް
އެކުލަވާލައްވަނީ ވަރަށް ހައްޞާސީ މައްސަލަތަކުގައި އެކަންޏެވެ. ޕީ.އެސް.އެމްއަށް
މައުލޫމާތުދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖައިލަމްގެ މަރުގެ
މައްސަލަ ބެއްލެވުމަށް އެކުލަވާލައްވާފައިވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ
ޤާޟީ އަލްއުސްތާޛު ސައީދު އިބްރާހީމާއި، ޤާޟީ އަލްއުސްތާޛު މުހުތާޒް ފަހުމީއާއި،
ޤާޟީ އަލްއުސްތާޛު އަހުމަދު ރަޝީދު ކަމަށެވެ. އަދި ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު
ބަލަހައްޓަވާނީ ޤާޟީ ސައީދު އިބްރާހީމް ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ. 

މީޑިއާ
އޮފިޝަލް ވިދާޅުވީ މިމައްސަލަ ބެއްލެވުމުގައި ފަނޑިޔާރުންގެ ބެންޗެއް
އެކުލަވާލައްވާފައިވަނީ މައްސަލައިގެ ބާވަތަށް ބައްލަވާ އިސް ޤާޟީ އަބްދުއްﷲ
މުހައްމަދު ކަމަށެވެ. އަދި އެކޯޓަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ބައެއް
މައްސަލަތަކުގައި، މައްސަލައިގެ ބާވަތަށް ބައްލަވައި އިސް ޤާޟީއަށް
ފެނިވަޑައިގަންނަވާ ގޮތުގެ މަތިން ބެންޗް އެކުލަވާލައްވާކަމަށެވެ. ކްރިމިނަލް ކޯޓުން ބަލާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި މައްސަލަތައް މީގެ ކުރިންވެސް
ބެންޗް އެކުލަވާލައްވައިގެން ކުރިއަށްގެންގޮސްފައިވެއެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ
އިސްޤާޟީ އަބްދުއްﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންގޮސްފައިވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ޖައިލަމަށް ތޫނު އެއްޗަކުން
ހަމަލާދީ މަރާލިކަމުގެ ކުށުގައި ދައުލަތުން ވަނީ 3 މީހެއްގެ މައްޗަށް
ދައުވާކޮށްފައެވެ. މިމައްސަލައިގެ އަޑުއެހުންތައް މީގެކުރިންވެސް ކްރިމިނަލް ކޯޓުގައިވަނީ
ކުރިއަށްގެންގޮސްފައެވެ. އެހެންނަމަވެސް ދިމާވި މައްސަލައަކާ ގުޅިގެން މިމައްސަލަ
ކްރިމިނަލް ކޯޓުންވަނީ އަލުން ދައުވާ ކުރުމަށް ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީހަށް
ފޮނުވާލާފައެވެ. އެހެން ނަމަވެސް ޕީ.ޖީ އޮފީހުން މިމައްސަލަ ކުރިން ހުށައެޅިގޮތަށް
ކްރިމިނަލް ކޯޓުން ބަލައިދިނުން އެދި ހައިކޯޓަށް ހުށައެޅުއްވުމުން ހައިކޯޓުން ވަނީ
ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިން ހުށައެޅުއްވިގޮތަށް ކުރިއަށްގެންދެވުމަށް
އަމުރުކޮށްފައެވެ. އެހެންނަމުން މިހާރު ކްރިމިނަލް ކޯޓުން ވަނީ މިމައްސަލަ
ބަލައިގަނެފައެވެ. އެހެންނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދި
ފައްޓަވާފައެއްނުވެއެވެ. ޖައިލަމަށް ތޫނު އެއްޗަކުން
ހަމަލާދީފައިވަނީ ދަރުބާރުގޭ ކުރިމަތީގައި އޮންނަ ގޯޅިތެރޭގައި ހުއްޓާ، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އޭނާ މަރުވެފައިވަނީ ޕިކަޕަކަށް ލައިގެން އޭޑީކޭ
ހޮސްޕިޓަލަށްގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.