ޚަބަރު

މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާރކްކޮށްފައިހުރި އުޅަނދުތަކާމެދު މާދަމާއިން ފެށިގެން ފިޔަވަޅުއަޅަނީ


މާލޭގެ އެކި ސަރަޙައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުރި އުޅަނދުތަކާމެދު މާދަމާއިން ފެށިގެން ފިޔަވަޅުއަޅަމުންދާނެކަމަށް ފުލުހުން ވިދާލުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މާދަމާއިން ފެށިގެން މާލޭގެ 10 ސަރަޙައްދެއްގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކާމެދު ފިޔަވަޅު އަޅަން ފަށާނެކަމަށެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 1 އިން ފެށިގެން މާލެ ސިޓީ އައު އާންމު ޙާލަތަށް ބަދަލުކޮށްފައިވާތީކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ފިޔަވަޅުއަޅަން ނިންމާފައިވަނީ:

1 މިސްކިތްތައް ކައިރި
2 ކަފިހި ހުރަސް
3 އަރިމަތީ ދެރޮނގު ދަމާފައިވާ ސަރަޙައްދު
4 ގޯޅިތަކުގެ ކަންމަތި
5 ސްކޫލްތައް ކައިރި
6 ހޮސްޕިޓަލްތައް ކައިރި
7 ބެންކްތައް ކައިރި
8 ބޮޑުތަކުރުފާނުމަގުގެ ތާރުއަޅާފައިވާ ސަރަހައްދު
9 ފުލުހުންގެ ކޯން / ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
10 ޚާއްސަ ޒޯންތައް

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސިޓީ ފުރަބަންދުކޮށް ދަތުރުފަތުރުކުރުން މަނާކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ވެހިކަލްތައް މާލޭގެ މަގުތަކުގައި ވަނީ ޕާކް ކޮށްފައެވެ. ނަމަވެސް އެޙާލަތުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް ބަލައި ޤަވާއިދާ ޚިލާފަށް މަގުތަކުގައި ޕާކްކޮށްފައިހުރި އުޅަނދުތަކާމެދު ފުލުހުން ފިޔަވަޅުއަޅާފައެއް ނުވެއެވެ.

އެހެންނަމަވެސް ޤަވާއިދާޚިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކާމެދު ފުލުހުން ފިޔަވަޅުއަޅަން ނިންމާފައިމިވަނީ، މިހާރު އައު އާންމު ޙާލަތު އިއުލާންކޮށްފައިވުމާއެކު މަގުތަކުގައި ވެހިކަލްތައް ދުއްވުމާއި އާންމުން ހިނގާބިގާވެ އުޅޭތީ ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިހުންނަ ވެހިކަލްތަކުގެ ސަބަބުން އާންމުންނަށް ދަތިތައް ދިމާވެދާނެތީއެވެ.