އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފިއެވެ.
14 މެއި 2026 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފުރަތަމަ ފަހަރަށް މި ބިލު ފާސްކުރައްވައި ތަޞްދީޤު ކުރެއްވުމަށް ފޮނުއްވުމުން، 31 މެއި 2026 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން އެ ބިލު އަނބުރާ ފޮނުއްވާފައެވެ. އެއަށްފަހު، 1 ޖުލައި 2026 ގައި ކުރިއަށްގެންދެވި އެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ 2026 ވަނަ އަހަރުގެ 13 ވަނަ ބައްދަލުވުމުގައި އެ ބިލަށް އިތުރު ބައެއް އިޞްލާޙުތައް ގެންނެވުމަށްފަހު، އެ ކޮމިޓީއިން ދިރާސާކުރައްވައި ނިންމެވި ގޮތަށް، 14 ޖުލައި 2026 ގައި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާއިން ވަނީ އެ ބިލު ފާސްކުރައްވާފައެވެ.
މި ބިލު އެކުލަވާލައްވާފައިވަނީ، ދިވެހިރާއްޖޭގައި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ޚިދުމަތް ރައްކާތެރިކަމާއެކު، ފެންވަރު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލައި، އެކަމާ ގުޅޭ އުސޫލުތައް ކަނޑައަޅައި، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތަކާއި ޒިންމާތައް ކަނޑައެޅުމުގެ މަޤުޞަދުގައެވެ.
މި ބިލުގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ގުޅޭ ޢާންމު ހަމަތަކާއި، ގުނަވަން ހަދިޔާކުރާ ފަރާތްތަކާއި ލިބިގަންނަ ފަރާތުގެ ޙައްޤުތައް ބަޔާންކޮށްފައިވެއެވެ. ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ނިޒާމާބެހޭ ސިޔާސަތުތައް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އިންނެވެ. އަދި ދިވެހިރާއްޖޭގައި ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހުއްދަދޭނީ، މި ޤާނޫނުގެ ދަށުން އެކުލަވާލާ "އޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ"އިންނެވެ.
މީގެއިތުރުން، ޓްރާންސްޕްލާންޓް ކުރުމުގެ އިޖުރާތުތަކާއި މިންގަނޑުތަކާއި، ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓް ކުރުމުގެ ކުށާއި އަދަބު މި ބިލުގައި ވަނީ، ކަނޑައަޅާފައެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީޚުން ފެށިގެން 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.