ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރުވެސް ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ


ކުރިއަތް އޮތް 24 ގަޑައިރުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުން އެކަށިގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާކަމަށެވެ. މިއަދު ރާއްޖެއަށް ކުރި ވިއްސާރައިގައިވެސް ވަނީ ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދަ އަރާފައެވެ. އެގޮތުން ގދ. ތިނަދުއާއި ފަރެސްމާތޮޑާގެ އިތުރުން، އއ.އުކުޅަހަށްވެސް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

ރާއްޖޭއަށް ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 7 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ އެހެންހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.