ވިޔަފާރި

އޭޕްރީލްމަހު ގްރީން ފަންޑުން 7.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ


މިއަހަރުގެ އޭޕްރީލްމަހު ގްރީން ފަންޑުން 7.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މިއަހަރުގެ އޭޕްރީލްމަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން އޭޕްރީލްމަހު 34 މަޝްރޫއަކަށް ގްރީން ފަންޑުންވަނީ ޚަރަދުކޮށްފައެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ.

އޭޕްރީލްމަހު އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ އއ. ރަސްދޫގައި އާރު.އޯ ޕްލާންޓަކާއި ސްޓޯރޭޖް ޓޭންކެއް ބެހެއްޓުމަށް ކުރިއަށްދާ މަޝްރޫއަށެވެ. އެގޮތުން އެ މަޝްރޫއަށް 2.6 މިލިއަން ރުފިޔާވަނީ ޙަރަދުކޮށްފައެވެ.

އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 35 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ގްރީން ޓެކްސްގެ ގޮތުގައި ލިބުނު 83 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 57 އިންސައްތަ ދަށް އަދަދެކެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސްއެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސް، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ޓޫރިސްޓުން، އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ. ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.