ޚަބަރު

ރައީސް ޔާމީންގެ ޞިއްޙީ ހާލުކޮޅު ރަނގަޅު - ކަރެކްޝަން


ފަސް އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ބަލި ޙާލަތު ގޯސް ނޫންކަމަށާއި، އެފަދަ ރިޕޯޓެއްވެސް މިހާތަނަށް ހުށަހަޅާފައި ނުވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ބަލި ޙާލަތާ ގުޅޭގޮތުން ޕީޕީއެމްއާއި ޕީއެންސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީންގެ ބަލި ހާލަތު ގޯސްނޫންކަމަށެވެ. އަދި އެމަނިކުފާނުގެ ހާލަތު ގޯސްވެގެން ޑޮކްޓަރަށް ދެއްކުމަށްވެސް ހުށަހަޅާފައި ނުވާކަމަށެވެ.

ޕީޕީއެމް، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޤާނޫނީ ވަކީލުން މައުލޫމާތު ދެއްވާފައިވާގޮތުގައި އެމަނިކުފާނަށް ހިނގާބިނގާވެ އުޅެވޭ ވަރަށްވުރެ ޞިއްޙީ ހާލަތު ގޯސްކަމަށެވެ.

"ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްޤުން ކޮންމެ ދުވަހަކީ މިސަރުކާރުން ރައީސް ޔާމީންނަށް އަނިޔާ ދެމުންދާ ދުވަހެއް. އެމަނިކުފާނުގެ ޤާނޫނީ ވަކީލުން މަޢުލޫމަތު ދެއްވަނީ ރައީސް ޔާމީން އުޅުއްވަނީ ވަރަށް ބަލިހާލުގައިކަމަށް. އަމިއްލަ ފުޅަށް ތެދުވެއުޅެ ހިނގާ ބިނގާވެ އުޅެންވެސް ދަތިކަމަށް. މިއީ އެމަނިިކުފާނުގެ އާއިލާއާއި، ސަޕޯޓަރުންނަށް ކެތް ނުކުރެވޭ ވަރަށްވުރެ ބޮޑު ހިތާމައެއް" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލްކޯޓުންކުރި ޙުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ ބުދަދުވަހު ބާއްވަން ހައިކޯޓުން ވަނީ ތާވަލުކޮށްފައެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރި މި މައްސަލައިގެ އަޑުއެހުމެއް ކޯވިޑް-19ގެ ޙާލަތުގެ ކުރިން މާރިޗްމަހުވެސް ވަނީ ބާއްވާފައެވެ. އަދި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާރިޗު މަހުގެ 22 ވަނަދުވަހަށް ތާވަލްކޮށްފައިވަނިކޮށް ކޯވިޑް-19ގެ ބަލީގައި ސަރުކާރު އޮފީސްތަކާއި އެހެނިހެން ބައެއް ތަންތަން ވަނީ ބަންދުކޮށްފައެވެ.

މަނީ ލޯންޑަރިންގެ ކުށުގައި ރައީސް ޔަމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި މައްސަލާގައި 5 މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާކޮށް އެ ފައިސާވެސް ދެއްކުމަށް ވަނީ ހުކުމްކޮށްފައެވެ.