ވިޔަފާރި

ޓެކްސްގެ ގޮތުގައި ނުހިމެނޭ 73 ބާވަތެއްގެ ފައިސާ މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖައްސައިފި


ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލައިގަންނަ ގޮތަށް މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނެސްފިއެވެ.

ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާ މީރާއިން ބަލައިގަތުން ހުއްޓާލާފައި އޮތުމަށްފަހު، އަލުން މާލިއްޔަތު ޤަވާއިދަށް މިވަނީ އިސްލާހު ގެނެސްފައެވެ.

މާލިއްޔަތު ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް ބަލައިގަންނާނީ މީރާއިން ކަމަށެވެ. އަދި މީރާގެ އޮފީހެއް ނުހުންނަ ރަށްރަށުގައި މި ފައިސާ ބަލައިގަންނާނީ މީރާއިން ކަނޑައަޅާ ފަރާތަކުންކަމަށް ޤާނޫނުގައި ވަނީ ބުނެފައެވެ.

އެ އިސްލާހުގައި، މީރާ އިން ބަލައިގަންނަންޖެހޭ ފައިސާގެ ތެރޭގައި ވިޔަފާރިތަކާއި ކުންފުނިތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީއާއި، ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށާއި ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ފައިސާ އާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ބިންބިމުގެ ކުލި ހިމެނެއެވެ. އަދި މާލެ ވިޔަފާރި ބަނދަރުން ނަގާ ކުއްޔާއި، ފްލެޓްތަކާއި ސަރުކާރު އިމާރާތްތަކުގެ ކުއްޔާއި، ކުއްޔަށް ދޫކޮށްފައިވާ ފިހާރަތަކުގެ ކުއްޔާއި، ތިމާވެއްޓަށް ގެއްލުން ދިނުމުން ނަގާ ޖޫރިމަނާއާއި ވިސާ ފީވެސް މީގެތެރޭގައި ހިމެނެއެވެ. މީގެއިތުރުން އުޅަނދުތަކުގެ އަހަރީ ފީ އާއި ޤަވާއިދާ ޚިލާފަށް ޕާކްކުރުމުން ކުރާ ޖޫރިމަނާ އާއި ބައެއް ގާނޫނުތަކުގެ ދަށުން ކުރެވޭ ޖޫރިމަނާތައް ވެސް ބަލައިގަންނަން ޖެހޭނީ މީރާއިން ކަމަށް އެ އިސްލާހުގައިވެއެވެ.

މި ޤަވާއިދު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.