ޚަބަރު

ޖީ7 ބައްދަލުވުމުގައި ޗައިނާގެ ބައިވެރިވުން މުހިންމު: ރަޝިޔާ


ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ ޤައުމުތަކުގެ ބައްދަލުވުމުގައި ޗައިނާ ބައިވެރިކުރުމަކީ މުހިންމުކަމެއްކަމަށް ރަޝިޔާއިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ ޖީ7ގެ ޤައުމުތަކުގެ ގޮތުގައި ހިމެނެނީ އެމެރިކާއާއި ކެނެޑާއާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިޓަލީވިލާތާއި އިނގިރޭސިވިލާތާއި ޖަޕާނެވެ. ދުނިޔޭގެ މުއްސަނދިކަމުގެ 16.4 އިންސައްތަ ޙިއްޞާކުރާ ޗައިނާއަކީ އިޤްތިޞާދީގޮތުން ކުރިއަރާފައިވާ ޤައުމެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ބަލައެއް ނުގަނެއެވެ. އެހެންކަމުން އެންމެ ވަރުގަފަ އިޤްތިޞާދު އޮންނަ ޤައުމުތަކުގެ ތެރޭގައި ޗައިނާއެއް ނުހިމެނެއެވެ.

ޖީ8ގެ ޤައުމެއްގެ ގޮތުގައި 1997ވަނަ އަހަރުން ފެށިގެން އޮތް ރަޝިޔާ އެ ޖަމާޢަތުން ވަކިކޮށްފައިވަނީ 2014ވަނަ އަހަރު އެ ޤައުމުގެ ބާރުގެ ދަށަށް ޔުކްރެއިނުގެ ކުރިމިޔާ ގެނައުމުންނެވެ. އެ ސަރަޙައްދު އަދިވެސް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ޖީ7 އުފެދުނީ ޖީ8ން ރަޝިޔާ އުނިކުރުމުންނެވެ. ޖީ8އަށް ބަދަލުކޮށް ރަޝިޔާ އަލުން ހިމެނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕުވަނީ ހުށަހަޅުއްވާފައެވެ. ޓުރަންޕު ވިދާޅުވީ އެ ބައްދަލުވުމުގައި ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިން ބައިވެރިވެވަޑައިގަތުމަކީ މުހިންމު ކަމެއްކަމަށެވެ. ނަމަވެސް ޖީ7ގެ ގިނަ ޤައުމުތަކުން އަލުން ޖީ8 އެކުލަވާލައި ރަޝިޔާ ހިމެނުމަށް ތާޢީދެއް ނުކުރެއެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއާއި ޖީ7ގެ ޤައުމުތަކުގެ ސަރުކާރުތަކާއެކު ކުރިއަށްއޮތް ޖީ7ގެ ބައްދަލުވުމުގައި ރަޝިޔާއަށް އެއްވެސް ދައުރެއް އޮތްތޯ ބެލުމަށް މަޝްވަރާ ކުރައްވަމުންދާކަމަށް ރަޝިޔާގައި ހުންނަ އެމެރިކާގެ ސަފީރު ޖޮން ސަލިވަންވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭނާގެ ވާހަކަތަކާ ޚިލާފަށް މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7ގެ ބައްދަލުވުމުގައި ރަޝިޔާގެ ދައުރާ ގުޅޭގޮތުން މަޝްވަރާކުރަމުން ނުދާކަމަށް ރަޝިޔާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ބުނީ ގިނަ ޤައުމުތަކާއެކު ބާއްވާ ޖީ7ގެ ބައްދަލުވުމުގައި ޗައިނާ ނުހިމެނުމަކީ ބައިނަލްއަޤްވާމީ މައްސަލަތަކާމެދު މަޝްވަރާކުރުމަށް އެޅޭ ހުރަހެއްކަމަށެވެ. ޗައިނާގެ ބައިވެރިވުން ނެތި އެފަދަ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. ޖީ7ގެ ޤައުމުތައް އިތުރުކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކީ ގޯސް ވިސްނުމެއްކަމަށާއި އެ ހުށަހެޅުން ހުށަހަޅާފައިވާ ފަރާތްތަކުން ޗައިނާ ނުހިމަނާ މަޝްވަރާތައް ކުރުމަށް ވިސްނަވާގޮތެއް ނޭނގޭކަމަށްވެސް ރަޝިޔާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޓުރަންޕުވަނީ ޖީ7ގެ ބައްދަލުވުން ސެޕްޓެންބަރު މަހަށް ފަސްކުރައްވަން ނިންމަވާފައެވެ. އެ ބައްދަލުވުމަށް ދަޢުވަތުދޭ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާއާއި ރަޝިޔާއާއި ދެކުނު ކޮރެޔާއާއި އިންޑިޔާ ހިމެނެއެވެ. އެ ދަޢުވަތު މިހާތަނަށް ޤަބޫލުކޮށްފައިވަނީ އޮސްޓްރޭލިޔާއިންނެވެ.