ޚަބަރު

ކޯވިޑް-19 ފެތުރުން އިތުރުވުމުން އީރާނުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފި


އީރާނުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވާތީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފިއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އީރާނަކީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމެވެ. އެ ޤައުމުގައި މިހާތަނަށް 237،878 މީހުންނަށް ބަލި ޖެހި، 11،408 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 148 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އޭޕްރިލް މަހުގެ ތެރޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ބައެއް ސިޓީތަކާއި ޕްރޮވިންސުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

މާސްކު ބޭނުން ނުކުރާ އެއްވެސް މީހަކަށް ސަރުކާރުން އެއްވެސް ޚިދުމަތެއް ނުދޭނެކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާގޮތަކަށް ނާޅާނަމަ މަސައްކަތްކުރާ ތަންތަން އެއް ހަފުތާގެ މުއްދަތަށް ސަރުކާރުން ބަންދުކުރާނެކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީވަނީ އިޢުލާނުކުރައްވާފައެވެ. ރޫޙާނީ ވިދާޅުވީ ޖުލައި 5ވަނަ ދުވަހުން ފެށިގެން ޢާންމު ތަންތަނުގައި މާސްކު އެޅުން ލާޒިމުވާނެކަމަށެވެ.

އީރާނުގެ ރައީސް ރޫޙާނީ ވިދާޅުވީ މާސްކު ނާޅައި ހުންނަ އެއްވެސް މީހަކަށް ސަރުކާރުން ޚިދުމަތް ނުދޭނެކަމަށާއި މާސްކު ނާޅައި ވަޒީފާއަށް ނުކުންނަ މުވައްޒަފުން މަސައްކަތަށް ހާޒިރުނުވާކަމަށް ބަލައި އަނބުރާ ގެއަށް ފޮނުވާލަންޖެހޭނެކަމަށެވެ. ރޫޙާނީ ވިދާޅުވީ ބަލިޖެހިފައިވާ މީހުންނަށް ބަލިޖެހިފައިވާކަން އެހެން މީހުންނާ ޙިއްޞާކުރުމަކީ ދީނީގޮތުން ބެލިނަމަވެސް އެމީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމަށާއި ބަލިޖެހިފައިވާކަން ސިއްރުކުރުމަކީ އެހެން ބައެއްގެ ޙައްޤުތަކަށް އަރައިގަތުމަށް މަގުފަހިވާކަމެއްކަމަށެވެ.

ފުޓުބޯޅަކުޅޭ ދެ ކުލަބެއްގެ 19 ކުޅުންތެރިންނާއި ޤާނޫނުހަދާ މަޖިލީހުގެ 5 މެންބަރަކަށް ކޯވިޑް-19 ޖެހިފައިވާކަމަށް އީރާނުގެ ނޫހަކުން ޖުލައި މަހުގެ 4ވަނަ ދުވަހުވަނީ ބުނެފައެވެ.