ޚަބަރު

މަރްހޫމް އަބްދުﷲ ހަމީދު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި


އަންގާރަދުވަހު އަވަހާރަވި އަލްއުސްތާޛް އަލްމަރްހޫމް އަބްދުﷲ ހަމީދު ރަސްމީ
އިއްޒަތުގައި ފަސްދާނުލައިފިއެވެ. އަލްއުސްތާޛް އަލްމަރްހޫމް
އަބްދުﷲ ހަމީދުގެ ހަށިކޮޅު މިއަދު މެންދުރު ރާއްޖެ ގެނައުމަށްފަހު، މޫނު ފުޅު
ދެއްކެވުން ކުރިއަށް ގެންގޮސްފައިވަނީ އިރުއޮއްސި ހަތެއް ޖަހަންދެން އިސްލާމީ
މަރުކަޒުގައެވެ. މަރްހޫމް އަބްދުﷲ ހަމީދަށް އެންމެފަހުގެ އިހްތިރާމް
އަދާކުރެއްވުމުގެ ގޮތުން ގިނަ އަދަދެއްގެ ބަޔަކު އިސްލާމީ މަރުކަޒަށް ދިޔައެވެ. މީގެ
ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ދެކަނބަލުންނާއި ކުރީގެ ރައީސް
މައުމޫނާއި ކެބިނެޓް ވަޒީރުންނާއި، ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ
ބޭފުޅުން ހިމެނިވަޑައިގެންނަވައެވެ. މަރްހޫމް އަބްދުﷲ
ހަމީދުގެ މޫނުފުޅު ދެއްކުން އިރުއޮއްސި ހަތެއް ޖަހަންދެން ކުރިއަށް
ގެންދަވާފައިވާއިރު، އެމަރްހޫމުގެ މައްޗަށް ކުރެވުނު ކަށު ނަމާދު އޮތީ މިރޭ އިޝާ
ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އިމާމްވެ ކަށު ނަމާދު ކުރެއްވީ މަރްހޫމް
އަބްދުﷲ ހަމީދުގެ ބޭބޭފުޅު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް
ޤައްޔޫމެވެ. ކަށު ނަމާދަށްފަހު
މަރްހޫމްގެ ސަންދޯއްޕުޅު އެކަމަށް ހާއްސަ ކުރެވިފައިވާ ވެހިކަލްގައި ގަލޮޅު
ސަހަރާއަށް ގެންދިޔައީ ރަސްމީ އިއްޒަތުގައި މޮޓޯކޭޑްގައެވެ. ސަންދޯއްޕުޅު ސަހަރާ
ތެރެއަށް ވެއްދުމުން ޤައުމީ ދިފާއީ ބާރުގެ ފަޔަރިން ޓީމުން ރަސްމީ ކުރުނީހެއް
އެރުވިއެެވެ. މަރްހޫމް ހަމީދުގެ
ސަންދޯއްޕުޅު ކަށްވަޅަށް ތިރިކުރުމުގެ ކުރިން ސަންދޯއްފުޅުގައި އަޅާފައި އޮތް
ގައުމީ ދިދަ މަރްހޫމްގެ އާއިލާއާއި ހަވާލުކުރިއެވެ. 

ދިވެހި ދައުލަތަށް އަގު ނުކުރެވޭ އެތައް ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްހޫމް އުސްތާޛް އަބްދުﷲ ހަމީދުގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.