ޚަބަރު

މިޞްރުގެ ޢާންމު އިންތިޚާބު އަންނަ މަހު ބާއްވަނީ


މިޞްރުގެ ޢާންމު އިންތިޚާބު އޯގަސްޓު މަހުގެ 12 އަދި 13ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މިޞްރުގެ ޤާނޫނު އަސާސީއަށް މިދިޔަ އަހަރު ގެނައި ބަދަލަކާއެކު 180 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއެއް ފުރަތަމަ ފަހަރަށް އެކުލަވާލުމަށްވަނީ ފާސްކޮށްފައެވެ. އެ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ ދެބައި ހޮވާނީ ރައްޔިތުންގެ ވޯޓުންނެވެ. އަދި އެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ޢައްޔަނުކުރާނީ މިޞްރުގެ ރައީސެވެ.

މިޞްރުގެ އިންތިޚާބާބެހޭ އިދާރާގެ ވެރިޔާ ލަޝީން އިބްރާހިމް ވިދާޅުވީ ބަލިމަޑުކަމެއް ފެތުރޭ ދުވަސްވަރެއްގައި އިންތިޚާބު ބޭއްވުމަށް ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. އެގޮތުން، ވޯޓުލާ ހުރިހާ މަރުކަޒެއްގައި ޞިއްޙީ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅައި ވޯޓުލާ މީހުންނާއި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުން މާސްކު ބޭނުންކޮށް އިޖުތިމާޢީ ގައިދުރުކަން ބަހައްޓަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އޯގަސްޓު މަހުގެ 19ވަނަ ދުވަހު ރަސްމީ ގެޒެޓުގައި ވޯޓުގެ ނަތީޖާ ޝާއިޢުކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މިޞްރުގައި 1،485 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއާއެކު އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމުލަ ޢަދަދުވަނީ 72،711އަށް އިތުރުވެފައެވެ. އެ ޤައުމުގައި ބަލި ޖެހުނު 3،201 މީހުންވަނީ މަރުވެފައެވެ.