ނުކުޅެދުންތެރިކަން ހުރި ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބަލިވެއިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 2 ވަނަ ދުވަހު ހައްޔަރުކުރި ފ. ފީއަލީ/ފީރޯޒްގެ، އިބްރާހިމް ޝާފިއު (37އ)ގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުދީފައިވާ ކަމަށެވެ.
ކޯޓުން ވަނީ، މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ މިމައްސަލާގައި ހިމެނޭ ފަރާތްތަކަށް ނުފޫޒުފޯރުވައި ހެކި ނައްތާލުމަށް މަސައްކަތްކޮށްފާނެތީ އާއި އޭނާގެ ފަރާތުން މުޖުތަމަޢުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ތަހުގީގު ނިމެންދެން ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށާއި މައްސަލައިގެ ޝަރީއަތުން ހުކުމެއް ނުވަތަ ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން ރިމާންޑް ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ކަނޑައަޅައި އަމުރުކޮށްފައެވެ.
މިމައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ހިމެނޭގޮތަށް ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.