ޚަބަރު

އިންޑިޔާގެ އިތުރު ސިފައިން އަންޑަމަން އެންޑު ނިކޮބާއަށް ފޮނުވަނީ


އިންޑިޔާ ކަނޑުގެ ބާރުގެ ދަށުގައި އޮންނަ ޖަޒީރާ ރަށްތަކެއްކަމަށްވާ އަންޑަމަން އެންޑު ނިކޮބާއަށް އިތުރު ސިފައިންނާއި އަސްކަރީ ހަތިޔާރު ފޮނުވާ އެ ރަށްތަކުގައި ވަރުގަދަ އިންޑިޔާގެ އަސްކަރީ މަރުކަޒެއް އެޅުން އަވަސްކުރުމަށް އިންޑިޔާގެ ސަރުކާރުން ނިންމައިފިއެވެ. އިންޑިޔާގެ ސަރުކާރުން އެގޮތަށް ނިންމާފައިވަނީ ޗައިނާއާއެކު އޮތް ގުޅުން ގޯސްވެ، ހިނގައިފާނެ އަސްކަރީ ކުރިމަތިލުމަކަށް ތައްޔާރުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.

572 ރަށުގެ މައްޗަށް އެކުލެވިފައިވާ އަންޑަމަން އެންޑު ނިކޮބާއަކީ ބޭ އޮފް ބެންގޯލްއާއި އަންޑަމަން ކަނޑާ ގުޅޭ ސަރަޙައްދުގައި އޮންނަ އިންޑިޔާގެ މައި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ރަށްތަކެކެވެ. އެ ރަށްތައް އޮންނަނީ ކަނޑު މަގުން ޗައިނާއިން ތެލާއި އެހެނިހެން މުދާ އެއް ޤައުމުން އަނެއް ޤައުމަށް ގެންދިއުމަށް ބޭނުންކުރާ މަގެއްކަމަށްވާ މަލައްކާ ސްޓްރެއިޓު ކައިރީގައެވެ. އަންޑަމަން އެންޑު ނިކޮބާގައި ޙަރަކާތްތެރިވާ އަސްކަރީ ސިފައިންގެ ސަބަބުން ޗައިނާއަށް އޮންނަ ނުރައްކާ ބޮޑުވާނެއެވެ.

އަންޑަމަން އެންޑު ނިކޮބާ ކޮމާންޑުގެ ނަމުގައި އިންޑިޔާގެ އަސްކަރީ މަރުކަޒެއް އެ ރަށްތަކުގައި ޤާއިމުކުރީ 2001ވަނަ އަހަރެވެ. އެއީ އެއް މަރުކަޒަކުން އިންޑިޔާގެ އެއްގަމު ސިފައިންނާއި ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ބަލަހައްޓަމުންދިޔަ ހަމައެކަނި އަސްކަރީ މަރުކަޒެވެ. ފާއިތުވި އަހަރުތަކުގައި އެ މަރުކަޒަށް މާބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެއެވެ. ތިން އަސްކަރީ ބާރުގެ މެދުގައި ދެބަސްވުންތައް އުފެދި އެ ސަރަޙައްދުގައި އިމާރާތްކުރުމުގެ ޙުއްދަ ދިނުމުގައިވެސްވަނީ ހުރަސްތަކެއް މެދުވެރިވެފައެވެ.

ޗައިނާއާއި އިންޑިޔާ ގުޅޭ ސަރަޙައްދީ ރޮނގުގައި ހިނގި ހަމަނުޖެހުންތަކަށްފަހު އިންޑިޔާގެ އަސްކަރިއްޔާގައި އޮތް ދެބަސްވުންތައް ނައްތާލައި އަންޑަމަން އެންޑު ނިކޮބާގެ މުހިންމުކަން ދެނެގަނެ އެ ރަށްތަކުގައި އިންޑިޔާގެ އަސްކަރީ ބާރު ވަރުގަދަކުރަން މަސައްކަތްކުރާނެކަމަށް ބެލެވެއެވެ. އަދި 2027ވަނަ އަހަރުގެ ކުރިން ދާޢިމީ ގޮތެއްގައި ހަނގުރާމަމަތީ އުޅަނދުތަކާއި ހަތިޔާރާއި ސިފައިން އަންޑަމަން އެންޑު ނިކޮބާގައި ބައިތިއްބާނެކަމަށްވަނީ ބެލެވިފައެވެ.